އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތިބުމާއި ދެކޮޅަށް ހިންގާ :އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ސަރުކާރަށް ގަރާރެއް ހުށަހެޅުމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފާސްކޮށްފިއެވެ.
މި ގަރާރު ހުށައެޅުއްވީ މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސުންނާ ބައްދަލު ކުރައްވަން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއެވެ.
ގަރާރު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ގައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމްކޮށްފައި އޮތުމަކީ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަމެއްކަމުގައެވެ.
އަދި އެކަންކަމަށް ޔަގީންކަން ލިބޭނީ ރާއްޖެއާއި، ރާއްޖޭގެ އަވައްޓެރި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކަމާއެކު އިތުބާރު ހިފޭގޮތަށް ބައްޓަންވެފައި އޮތުމުންކަމަށް އާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އިންޑިއާ ކަނޑުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ އެންމެ ގާތް އެކުވެރިޔާކަން ފާހަގަކުރައްވާ އާޒިމް އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، އެގައުމާއި އެގައުމުގެ ރައްޔިތުންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް" ގެ ނަމުގައި ސްލޯގަންއެއް ބޭނުންކޮށް، އެގައުމާއި އެގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކުރެވޭގޮތަށް އަޑުއުފުލުމަކީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބީ އަމަލެއްކަމަށެވެ.
އަދި އޭގެ ސަބަބުން އެގައުމުގެ ރައްޔިތުންނުގެ ހިތްތަކުގައި ދިވެހިންނާއި ދޭތެރޭ އޮތް ގަދަރާއި އިހުތިރާމް ނަފުރަތަށް ބަދަލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިވެއެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ރާއްޖެ ކޮމަންވެލްތުން ބޭރުކޮށް ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި، އަވައްޓެރިންނާއި އަރާރުންވެ، ގުޅުން ކަނޑާލުމުގެ ނަތީޖާއަކަށް ވީ މި ރާއްޖެއަކީ އިންޑިއާ ކަނޑުގައި ބޮޑެތި ނުރައްކަލަށް ހުޅުވުފައި އޮތް ނާޒުކު ގައުމަކަމަށް ބަދަލުވެގެން ދިޔުން."
މިފަދަ ފުރުސަތެއް ދެވަނަ ފަހަރަށް ނުދިނުމަށާއި، ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތު ރައްކާތެރިކޮށް، އަމާން އޮމާންކަމާއެކު ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި "އިންޑިއާ އައުޓް" ފަދަ ސްލޯގަންތައް ބޭނުންކުރުން ހުއްޓުވަން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމަށް އާޒިމް އެ ގަރާރުގައި ގޮވާލެއްވިއެވެ.
އެ ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ބޮޑު ކެމްޕޭނެއް ކުރިޔަށްގެންދާއިރު، މި ކެމްޕޭނުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
ޔާމީން ވަނީ އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށް އަދި އެ ގައުމުގެ ރައްޔިތުންނާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގެ މަތިން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއިން ދައުވަތު ނުދެނީސް ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ރާއްޖެއަށް އައިސް ގައުމުގެ އެކި ހިސާބުގައި ތިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ބައްދަލުވުމުގައި ބައިވެރިވި މީހުންގެ އަދަދު ޖަހައިލިނަމަ ވަރަށް ފުރިހަމަވީސް