ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކައިވެނި ހަފްލާއަކަށް ތައްޔާރުވެފައި. ފޮޓޯ: ޗަމްޕާ ސެންޓްރަލް ހޮޓެލް

މިއަދަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ކައިވެނިކުރި ދުވަސްކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދު ފެމިލީ ކޯޓުން ޖުމްލަ 57 ކާވެނި އަގުދުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.  އެގޮތުން ކޯޓުގައި 28 ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައިވެސް 29 ކާވެނި ކުރުމަށް ހަމަޖެހިފައިވާކަމަށް އެކޯޓުން ބުނެއެވެ.

ފެމިލީ ކޯޓުން ބުނީ، މިއީ މިއަހަރު މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސްކަމަށެވެ.

ކައިވެނިކުރާނެ ދުވަހެއް ކަނޑައަޅާއިރު، ވަރަށް ގިނަ މީހުން ބަލަނީ ރީތި ތާރީޚަކަށެވެ. އެގޮތުން މިއަދު، 21،12،2021 އަކީ މިއަހަރުގެ އެންމެ ރީތި ތާރީޙުތަކުގެ ތެރެއިން ތާރީޚެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރު ކައިވެނިކޮށްދޭން ވަކި ދުވަސްތަކެއް ކަނޑައެޅިނަމަވެސް، މިއަހަރުގެ އޯގަސްޓް 4 ވަނަ ދުވަހުން  ފެށިގެން ހަފްތާގެ ހުރިހާ ދުވަސްތަކުގައި ކާވެނި ކޮށްދޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް އޮންލައިންކޮށް ކައިވެނިތައް ކޮށްދެއެވެ. އަދި ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހަމަޖައްސައިދެއެވެ.

އެގޮތުން ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ 08:30 ން ފެށިގެން 13:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އަށް ކާވެނިކޮށްދެމުން ގެންދާނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *