ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު 41 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިއަދު ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކައުރިން އޭޕްރަނެއް ހެދުމާއި، 1،600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން އެންވަރެންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
އެއް އަހަރު ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ އެމަޝްރޫއުގެ ޖުމްލަ އަގަކީ 41.38 މިލިއަން ރުފިޔާއެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އޭގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެެވެ.