ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި، ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން ވާދަކުރައްވާނެ ކަން 'ޖަޒީރާ' އަށް ކަށަވަރުވެއްޖެއެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވަމުން އަންނަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު، ނަޝާގެ ބައްޕާޅު އަވަހާރަވުމާއި ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 16:00 އަށް ހަމަވާއިރު، އެ ދާއިރާގެ ބައެއް ރައްޔިތުން ދަނީ ނަޝާ، އެ ގޮނޑިއަށް ވާދަކުރުމަށް އެދެމުންނެވެ. އަދި އިތުބާރު ކުރެވޭ މަސްދަރަކުން ޖަޒީރާއަށް އެނގިފައިވާ ގޮތުގައި މި ޕްރައިމަރީގައި ނަޝާ ވާދަކުރައްވާނެއެވެ.
އެ ޕާޓީގެ ބައި އިލެކްޝަން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
'ޖަޒީރާ' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ހުސެއިންގެ އެންމެ ގާތް އެކުވެރިޔާ، އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ވިދާޅުވީ ހުސެއިން ތައްޔާރުވެވަޑައިގެންނެވީ، އަންނަ ދައުރަށް އެހެން ކެންޑިޑޭޓަކު ނެރުމަށް ކަމަށެވެ. އަދި އެއީ މިހާރު އެމްޑީޕީ ގައުމީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ރައީސް މުހައްމަދު ޖަލާލެވެ.
ހުސެއިން ތައްޔާރުވަމުންދިޔައީ އަންނަ ދައުރަކަށް އެހެން ކެންޑިޑޭޓަކު ނެރުމަށް
ހުސެއިން އަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ. ދާއިރާގެ ގިނަ ބަޔަކު ހުސެއިންގެ ދަރިކަނބަލުން އެ ދާއިރާއަށް ވާދަކުރައްވަން އެދެމުން ދަނީ އެ ގޮނޑި އެންމެ ފަސޭހައިން ކާމިޔާބުކުރައްވާނެކަމަށް ލަފާކޮށްފައިކަމަށްވެސް 'ޖަޒީރާ' އަށް ވަނީ އެނގިފައެވެ.