"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމަށް 100،000 މެންބަރުން ހަމަވެއްޖެއެވެ.
"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމަކީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމު ރާއްޖެއިން އިފްތިތާހުކުރީ 2020، ސެޕްޓެމްބަރު މަސް ތެރޭގައެވެ. އަދި އެ އަހަރު ނޮވެމްބަރު މަހު، ޕްރޮގްރާމުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލިއިރު ފުރަތަމަ ޕާޓްނަރު ކަމަށްވާ ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސް، މި ޕްރޮގްރާމާ ގުޅުނީ މިދިޔަ ޖެނުއަރީ މަހުއެވެ.
"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމްއަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައަކަށް ޕޮއިންޓް ލިބޭނެއެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ)އެވެ.
މި ޕްރޮގްރާމްގެ ދަށުން ޕާޓްނަރަކަށް ވުމުން، އެ ތަނުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު ޓޫރިސްޓުންނަށް 5 ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުންވެސް ޕޮއިންޓް ލިބޭ ގޮތްތަކުގެ ތެރޭގައި، ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު ޕޮއިންޓްސް ލިބުން، ތަފާތު އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓްސް އަދި ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް ޕޮއިންޓްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮގްރާމަށް ދަނީ ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި ނޮވެމްބަރު މަސް ތެރޭގައި އެ ޕްރޮގްރާމަށް 50،000 މެންބަރުން ހަމަވާނެ ކަމަށް ހަނަފީ ލަފާ ކުރެއްވިއެވެ. ނަމަވެސް، އެފަހުން އެއް މަސް ނުވަނީސް އެ ޕްރޮގްރާމުން މިވަނީ 1 ލައްކަ މެންބަރުން ހަމަކޮށްފައެވެ.