ހ. ރޯޝަނީ މަގު

އިދާރީ ކަންކަން ހަމަނުޖެހޭތީވެ، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ޕާކުކުރުމަށް ސިޓީ ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓްތަކަށް ގުރުއަތު ނެގުން އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މާލޭގައި ޕާކިން މައްސަލަ ހައްލުކުރުމަށް 450 ޕާކިން ސްލޮޓް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަށް އެންމެ ފުރަތަމަ ކުރިމަތިލާން ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ.

އެ ސްލޮޓްތަކަށް އެކަނި ވެސް 900 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ. އެހެންނަމަވެސް އެ ސްލޮޓްތަކާއި ގުޅިގެން ވަކި ބަޔަކަށް އެ ސްލޮޓްތައް ދޫކޮށްފައިވާކަމަށް ބުނެ މައްސަލަތަކެެއް ވަނީ ފެންމަތިވެފައެވެ. އެފަދަ މައްސަލަތަކެއް އަމިއްލަ ފަރާތަކުން ވަނީ އޭސީސީއަށްވެސް ހުށަހަޅާފައެވެ.

އެފަދަ މައްސަލަތަކުގެ ސަބަބުން އަލުން މިއަދު ގުރުއަތުލާން އެންމެ ފުރަތަމަ އޮތީ ހަމަޖެހިފައެވެ. ނަމަވެސް މިއަދު ގުރުއަތުލުން ފަސްކުރީ އިދާރީ ކަންކަން ހަމަނުޖެހޭތީވެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޕާކިން ސްލޮޓްތަކުގެ ގުރުއަތުލުމުގައިސިޓީ ކައުންސިލުން ވަނީ ސްލޮޓަށް އެދި ހުށަހެޅި ފަރާތްތަކަށް ފޯމު ހުށަހެޅުމުން ސްލިޕް ނަންބަރުތަކެއް ދޫކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ އެގޮތަށް ސްލިޕް ނަންބަރު ދޫކުރީ ބައެއް ފަރާތްތަކަކީ އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވާތީ އެކަކަށް ގިނަ ސްލޮޓް ލިބުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށް ބުނެއެވެ. ކައުންސިލުން ގުރުއަތު ނެގީ އެ ސްލިޕް ނަންބަރުތައް ބޭނުންކޮށްގެންނެވެ.

އެހެންނަމަވެސް ބައެއް އާންމު ފަރާތްތަކުން ވަނީ ފޯމު ހުށަހެޅުމުންވެސް އެފަރާތްތަކަށް ކައުންސިލުގެ ފަރާތުން ސްލިޕްކޮޅެއް ދޫކޮށްފައިނުވާކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ.

އޭސީސީން ވަނީ އެ މައްސަލައިގައި ސްލިޕްކޮޅު ދޫނުކުރުމުގެ އިތުރުން ސްލޮޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކުރި އިރު އެކަކަށް ދެ ސްލޮޓު ލިބުންފަދަ މައްސަލަތަކެއްވެސް އެކޮމިޝަނަށް ހުށަހެޅިފައިވާކަމަށެވެ.

އެ މައްސަލައިގައި ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުން ގުރުއަތު ނަގާފައިވާނީ އިންސާފުވެރިކޮށްކަމަށް ބުނެފައެވެ. ނަމަވެސް  މައްސަލަ ބޮޑުވުމުން އެ ކައުންސިލުން ވަނީ އަލުން ގުރުއަތުލުން ބާއްވަން ނިންމާފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *