އަހަންނަކީ ޕެރެނޮއިޑް ޕަރސަނާލިޓީ ޑިސްއޯޑަރ (ޕީޕީޑީ) އާއި އެންޒައިޓީ ހުންނަ މީހެކެވެ. އެކަމަށް ފަރުވާ ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.
އަހަރެންގެ ތަޖުރިބާ ހިއްސާކުރުމުގެ ކުރިން ވާހަކައެއް ބުނެލާނަމެވެ. މިއީ ވަކި ސަރުކާރަކުން އެޅި ފްލެޓުތަކަކަށް ވުމުން ކިޔާ ފާޑުކިއުމެއް ނޫނެވެ.
އަހަރެން ހިޔާ ފްލެޓުތަކަށް ޒިޔާރަތް ކުރީ އެތަނުގައި މީހުން ދިރިއުޅެން ފެށިތާ އެތައް މަހެއް ފާއިތުވި ފަހުންނެވެ. އަހަރެންގެ ރަހުމަތްތެރިއަކު ވެސް ފްލެޓެއްގައި އުޅޭތީ ޒިޔާރާތް ކޮށްލީއެވެ. އޭރު ގަޑިން އިރުއޮއްސި 6:30 ވެއްޖެއެވެ. އުޑުމައްޗަށް އަނދިރިކަން ވަނީ ވެރިވެފައެވެ.
ޓަވަރަށް އަރަން ހުންނަނީ ސިޑިއެކެވެ. ބޮއްކެއްވެސް އެ ތަނުގައި ނުހުންނާތީ މާ ބޮޑު އަލިކަމެއްވެސް ނުހުރެއެވެ. ސިޑިން ވެސް އެރެނީ ކިރިޔާއެވެ. ކުޑަމިނުން ހިފަހައްޓާލާނެ ރެއިލިންގ އެއް ވެސް ނުހުރެއެވެ.
ލިފްޓަށް އަރަން ދާން ޖެހެނީ އަލި ކަމެއް ނެތް، ހަނި ގޯޅިގަނޑަކުންނެވެ. ލިފްޓަށް އެރުމަށްޓަކައި ހުރިހާ ވަގުތަކުވެސް އެ ގޯޅިގަނޑުގައި އެތައް ބަޔަކު ތޮއްޖެހިގެން މަޑުކޮށްގެންތިބެއެވެ. އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ކުޑަކުދިންނެވެ. އެމީހުންގެ ބެލެނިވެރިންނެވެ.
ލިފްޓަށް އަރަން ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު މަޑުކުރަން ޖެހުނެވެ. އެ 20 މިނެޓުގެ ކޮންމެ ސިކުންތެއްވެސް އަހަންނަށް ހީވީ އެތައް ގަޑިއިރެއް ފާއިތުވިހެންނެވެ.
އެތައް ބައެއްގެ ތެރޭގައި ތޮއްޖެހިގެން ހުރި، އެވަގުތުކޮޅުގައި އަހަރެން ހާސްވި މިންވަރު ކިޔާދޭކަށް ވެސް ނޭނގެއެވެ. ލިފްޓު ތެރެއިން އެ ފެންނަ އަލިކަން ފިޔަވައި އެހެން އަލިކަމެއް އެތާކު ނެތެވެ. މީހަކު ގައިގައި އަތްލިޔަސް އެއީ ކާކުކަމެއް ވެސް ނޭނގޭނޭ ހިތަށް އެރިއެވެ. ސީސީޓީވީއެއް ވެސް ނުހުރެވެ. އެ ވަގުތުކޮޅުގައި އަހަރެން ކަހަލަ މީހަކަށް އަމާންކަން އިހުސާސްވާނީ ކިހިނަކުންތޯއެވެ؟
ލިފްޓު ތެރެވެސް ހަމައެފަދައެވެ. ހުންނަން ޖެހެނީ ފިތި ބާރުވެގެންނެވެ. ކޮންމެ ފްލޯއަކަށް މަޑުކުރުމަށްފަހު ފްލެޓަށް ވަދެވޭއިރު ހުންނަނީ ވަރުބަލިވެފައެވެ.
އަހަރެން ހީކުރީ އެޕާޓްމެންޓް ތެރެއަށް ވަދެވުމުން އެ ހިތި އިހުސާސްތަކަށް ކޮންމެވެސް ވަރެއްގެ ފޮނިކަމެއް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެތެރެއަށް ވަދެ އިށީނދެލުމާއި އެކު މި ހީތައް ކުށްހީއަކަށް ބަދަލުވެގެންދިޔައެވެ. ބޭރު ތެރެއިން ކުރެވުނު ތަޖުރިބާތައް ހަނދާން ނައްތާލާނެ ފުރުސަތެއް ނުލިބުނެވެ.
ބޭރުން އިވޭ ކޮންސްޓްރަކްޝަންގެ އަޑު، ގޭގެ ހުރިހާ ދޮރެއް ލައްޕާފައި ހުންނައިރުވެސް ބާރަށް އިވެއެވެ. ގޭތެރޭގައި ދައްކާ ހުރިހާ ވާހަކައެއްވެސް ބޭރަށް އަޑުއިވޭނެ ކަމަށް އަހަރެންގެ ރަހުމަތްތެރިޔާ ބުންޏެވެ. އެވަގުތުވެސް ޖެހިގެން ހުރި ގޭގެ މީހުން ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއިވެއެވެ. އެތައް އަޑެއް އެއްފަހަރަކާ އިވެން ފެށުމުން އަހަރެން ހުންނަން ޖެހުނީ ހާސްކަމެއްގެ ތެރޭގައެވެ. އެވަގުތުކޮޅު ވެސް އަހަރެން ހުރީ ހިތް ބިރުގަނެ، ނޭވާ އަވަސްވެފައެވެ.
އަހަރެން އެ ގެއިން ނުކުތީ ގަޑިން 8 ޖެހިއިރެވެ. ހީކޮށްގެން ހުރީ ބޭރުގައި ކޮންމެވެސް ވަރަކަށް ބޮކީގެ އަލިކަން ނަމަވެސް ހުންނާނެ ކަމަށެވެ. ނަމަވެސް، މުޅި ތަނަށް އޮތީ އަނދިރިކަން ވެރިވެފައެވެ. ދެވަނަ ފަހަރަށް ލިފްޓަށް އަރަން ދިޔައިރު ވެސް ކުރެވުނީ ހަމަ އެއް ތަޖުރިބާއެކެވެ. އެ ޓަވަރުގައި ތިން ލިފްޓު ހުރިއިރު، އެއް ލިފްޓުން ދަނގަޑު ގޭނޭ ކަހަލަ އަޑެއް ވެސް އިވެއެވެ. އަހަންނާއި އެކު ލިފްޓަށް އަރަން ގޮސް ހުރި މީހަކު ބުނީ އެ ލިފްޓުގެ ދޮރު ބައެއް ފަހަރު ނުހުޅުވޭ ކަމަށެވެ. އެވަގުތު އަހަރެންގެ ހިތުގައި ކުރިން ނެތް ބިރުވެރިކަމެއް އުފެދުނެވެ.
ޓަވަރުން ނުކުންނަން ޖެހެނީ ވެސް އެ އަނދިރި ގޯޅިގަނޑުގެ ތެރެއިން ހިނގާފައެވެ. ބޭރުގައި ވެސް މާބޮޑު އަލިކަމެއް ނެތެވެ. މިފަހަރު، ސިޑިން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ މި ފްލެޓުތަކުގައި ސީސީޓީވީއެއް ވެސް ނެތްއިރު، ކުޑަ މިނުން ސެކިއުރިޓީ ގާޑެއް ވެސް ނުހުރެއެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުން އަމާންކަން އިހުސާސް ކުރެވޭނީ ކިހިނެއްތޯއެވެ.
ހިޔާ ފްލެޓުތަކަށް އަހަންނަށް ޒިޔާރާތް ކުރެވުނީ އެންމެ ފަހަރަކުއެވެ. ކުރެވުނު ތަޖުރިބާ ވަރަށް ވެސް ހިއްޗެވެ.