ފިލިޕީންސަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާނުގައި ހާލުގައި ޖެހުނު ދިވެހިންނަށް އެހީވުމުގައި ބައިވެރިވުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ތޫފާން ރާއީ އަކީ އެ ގައުމަށް މިއަހަރު އެރި 15 ވަނަ ތޫފާނެވެ. މި ތޫފާނުގައި މިހާތަނަށް 204 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެތައް ބަޔަކު ހާލުގައި ޖެހި، ގެދޮރު ދޫކޮށް، އެހެން ހިސާބުތަކަށް ހިޖުރަ ކުރުމަށް ވެސް ވަނީ މަޖުބޫރުވެފައެވެ.
ފިލިޕީންސްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ދިރިއުޅެމުންދާއިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ދަނީ އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން މަޝްވަރާކުރުމަށް އިއްޔެ ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ކޮމިޓީ މެމްބަރުން ވަނީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް ނިންމާފައެވެ. އެގޮތުން، ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ބައްދަލުކޮށް، އެ ކުދިންގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ، މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންގެ ތެރޭގައި ޖުމްލަ 45 ދަރިވަރުން އެބަ ތިބި ކަމަށެވެ. ތޫފާނުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ކެނޑިފައިވާއިރު، މިނިސްޓްރީން ވަނީ އެ ދަރިވަރުންނަށް ކާނާ އާއި ބޯފެން ފޯރުކޮށްދީފައެވެ. އަދި ހުރިހާ ދަރިވަރުންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.