ރ.އަލިފުށީގައި އެކޮމަޑޭޝަން ބްލޮކަކާއި ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޓިވެޓް ސެންޓަރު އަޅަން ބިޑް ހުށަހެޅޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ބީލަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނައިރު،  އުފެދޭ ސުވާލުތައް ސާފުކޮށްދޭނީ މިމަހު 30 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ކުރުމުުންނެވެ. މި މަޝްރޫއަށް ހުށަހަޅާ ބީލަންތައް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 11ގައެވެ.

މިމަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މި ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ޖާގައިގައެވެ. ދެބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.

ރ. އަލިފުށީގައި ބިނާކުރާ މި ޓިވެޓް ސެންޓަރގެ ފަރުމާ ޚާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި ސެންޓަރުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *