ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ކިޔަވަމުންދާ ސްކޫލަށް މިހާރު ގުޅިފައިވާކަމަށާއި މިހާރު އެކުދިންނަށް ކާނާ އަދި ބޯފެން ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންގެ ތެރޭގައި ޖުމްލަ 45 ދަރިވަރުން އެބަ ތިބި ކަމަށެވެ. އަދި ތޫފާނުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށާއި އެހެންނަމަވެސް ދަރިވަރުންނަށް މިހާރު ކާނާ އާއި ބޯފެން ލިބިފައިވާކަމަށެވެ. އަދި ހުރިހާ ދަރިވަރުންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ތޫފާނުގެ ސަބަބުން ފިލިޕީންސްގެ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުގެ އިދާރާތަކަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ. އެކަމަކު ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި، ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް މެދުވެރުކޮށް މަސައްކަތްކުރަމުންދާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެތަނުން ބައެއް ދަރިވަރުން ބެލެނިވެރިންގެ އެދުމުގެ މަތިން އެމިނިސްޓްރީގެ އޮފިޝަލުން ވަނީ އިއްޔެއާ މިއަދު ބެލެނިވެރިންނާ ބައްދަލުކޮށްފައެވެ.
މި އަހަރު އެ ގައުމަށް އެރި އެންމެ ބާރުގަދަ ތޫފާން، ތޫފާން ރާއީގައި އެ ގައުމުގައި ތިބި ބައެއް ދިވެހިންނަށް ވެސް ގެއްލުންވެފައިވާއިރު، ފިލިޕީންސްގެ ފުލުހުން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި ތޫފާނުގެ ސަބަބުން 204 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 52 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަން ހާމަކޮށް އެ އިދާރާއިން ބުނީ 239 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.ތޫފާން ރާއީ އަކީ އެ ގައުމަށް މިއަހަރު އެރި 15 ވަނަ ތޫފާނެވެ.