ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުހޫމް ޢުމަރު ޒާހިރަކީ މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ޢުމަރު ޒާހިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އުމަރު ޒާހިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގައެވެ.
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި އުމަރު ޒާހިރުއާއި ގުޅިގެން ރައީސް އޮފީހުން ބުނީ އެއީ ހަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެއް ކަމަށް ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތް ކުރެއްވި ހީވާގި ބޭފުޅެއް" ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
ޢުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމެވެ.