މީގެ ދިހަ އަހަރު ކުރީގެ ހަދާނެކެވެ. ގަދަ ވިއްސާރައާ ގުގުރުމުގައި އެރޭ ޖުނައިދު ގެޔަށްދާން ނިކުތީ ވަޒީފާ ނިންމާލުމަށްފަހުއެވެ. ނިކުމެގެން ބުރުޒު މަގުން އަވަސް އަވަހަށް ހިގައިގަންނަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އެވިއްސާރައިގެ ތެރޭގައިވެސް މަގުހަދަން ތިބި މަސައްކަތްތެރިންތަކެކެވެ. އެ މަސައްކަތްތެރިން ކައިރީގައި ވިއްސާރައިގެ ކަނިން ހިޔާކޮށްދިނުމަށް ހުންނެވީ އޭރު ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ޒާހިރެވެ.
އިހުލާސްތެރިކަމާއި ހިތްތިރިކަމުގެ ލާމަސީލު މިސާލެއްކަމުގައި އޭނާއަށް އޭގެ ފަހުން އަބަދުވެސް ރަމްޒުވާ އުމަރު ޒާހިރަކީ އޭނާ ގަބޫލުކުރާ ގޮތުގައި ގައުމަށް އަބަދުވެސް އެންމެ ބޭނުންތެރި ބާވަތުގެ އެއް ވެރިޔާއެވެ. މިއަދު އެމަރުހޫމް އަވަހާރަވުމާއެކު، މުޅި ގައުމު ކަރުނައަޅަމުން ދަނީ އެފަދަ ދެވަނައެއް ނެތް ގައުމަށް އެތައް ގޮތަކުން ހިދުމަތްކޮށްދެއްވި ބޭފުޅެއްގެ ހަދާނުގައެވެ.

ސިނަމާލެ 1 ފްލެޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައު އުމަރު ޒާހިރު. ފޮޓޯ: މުހައްމަދު ނާޝިދު
ކޮވިޑުގެ ވަބާއަށް ރާއްޖެއިން އަލްވަދާއުކިޔައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރި 260 ވަނަ ބޭފުޅާކަމުގައި އުމަރު ޒާހިރަކީ ރާއްޖެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރުވެސް ގައުމަށް ހިދުމަތްކޮށްދިނުމުގައި ހުންނެވި ބޭފުޅެކެވެ. މަތީ މަގާމެއް، ޝަރަފްވެރިކަމެއް އޭރު ނެތްނަމަވެސް އެމަނިކުފާނަކީ އޭރުވެސް ގައުމިއްޔަތާއި މިނިވަންކަމަށް ދިވެހިން ކުރަމުންދިޔަ ބުރަ އަދި ކެރޭ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެއް ޒުވާނާއެވެ.
މިއަދު ގައުމަށް އަލްވަދާއު އެ ވިދާޅުވި ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، މި ގައުމުގެ ހިދުމަތުގައި 50 އަހަރަށްވުރެ ގިނަ ދުވަސް ހުންނެވުމަށްފަހުއެވެ. ހިތްތިރިކަމާއި އިހުލާސްތެރިކަން އަދި މަޑުމައިތިރިކަމަކީ އުމަރު ޒާހިރުގެ އެންމެ ކަމުދާ ސިފަތައް އަބަދުވެސް ގިނަ ބަޔަކު ބުނެއެވެ.

ފޮޓޯ: މުހައްމަދު ނާޝިދު
އެކަމުގެ މިސާލެއްގެ ގޮތުގައި ދުނިޔޭގައި ހުންނެވިއިރު އެމަނިކުފާނު އެންމެ ފަހުން ގައުމަށް ކޮށްދެއްވި ހިދުމަތެއްގެ ގޮތުގައި ބިނާކުރެއްވި މިސްކިތް ހުޅުވީ މިމަހުގެ ކުރީކޮޅުއެވެ. އަމިއްލަފުޅު ހަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި އަލް މަސްޖިދުލް ސިއްދީގް މި މަހުގެ ކުރީކޮޅު ހުޅުއްވާދެއްވުމަށް އެރަށަށް ވަޑައިގެންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކުގައެވެ.
މިސްކިތް ހުޅުވާފަ އައިސްވެސް އަޅުގަނޑު އެގެއަށް ޒިޔާރަތްކުރިން. އެންމެ ފަހުން ދެވުނު ދުވަހު ވެސް އިންނެވީ ޤުރުއާނުގެ ތަރުޖަމާ ކިޔުއްވަން،"
ޝަހީމް ވިދާޅުވިގޮތުގައި އޭނާއާއި އުމަރަކީ އަބަދުވެސް ގާތް ގުޅުމެއް އޮތް ދެ ބޭފުޅުންނެވެ. މިނިސްޓަރުކަމުގައި އުޅުއްވި އިރުންސުރެއް މިއަދާ ޖެހެންދެން ވެސް އެކި ކަންކަމުގައި ވާހަކަދައްކަވާ ގާތް މަޝްވަރާކުރައްވާއިރު، އަބަދުވެސް ދީނީ ކަންކަމަށް އުމަރު ސަމާލުކަން ދެއްވިކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ފޮޓޯ: މުހައްމަދު ނާޝިދު
އަދި އުމަރުގެ އެންމެ ފަހު ހަދާނަކަށްވެސް ޝަހީމްގެ ހަދާނުގައި ހުރީ އެމަނިކުފާނަށް ސުވަރުގެ މިންވަރުކޮށްދެއްވުން ދުއާކޮށްދެއްވުމަށް އުމަރު އެދިވަޑައިގަތް އެދިވަޑައިގަތުމެވެ.
އަބަދުވެސް ވަރަށް ސުވަރުގެއަށް އެދިވަޑައިގަންނަވާ ބޭފުޅެއް. ފުވައްމުލަކުގެ ދަތުރު ނިންމާލުމަށް ފަހު އެނބުރި ވަޑައިގެންނެވި އިރު ދަތުރު މަތީގައި ވެސް އަޅުގަނޑު ގާތު އެދުނު ސުވަރުގެ ދެއްވުން އެދި ދުއާކޮށްދިނުމަށް
އުމަރު ޒާހިރު ވަކިވެގެން ދިޔައީ ފުވައްމުލަކަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެމަނިކުފާނުގެ އާއިލާއިން ބުނަނީ ދަތުރުން ވަޑައިގެންނެވީންސުރެއް އުޅުއްވީ އާލާސްކަންފުޅާކަމުގައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެ އަވަހާރަވީ ހާލު ދެރަވެ ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
އެމަނިކުފާނު ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ ހިދުމަތްތަކުގެ ފަލްސަފާ ބައި ގަރުނަށްވުރެ ދިގެވެ. ރާއްޖޭގެ ތާރީހުގައި ރަން ގަލަމުން ނަން ފެވޭވަރުގެ ހިދުމަތްތެރިއެކެވެ. ގައުމުގެ އެކި މަގާމުތަކުގައި އެކި މަސައްކަތްތައް ކޮށްދެއްވައި އެކި ވުޒާރާތަކުގެ ވަޒީރުކަން ކޮށްދެއްވާފައިވެއެވެ. މިއަދު މި ފެންނަ ދިވެހިރާއްޖެ މިގޮތަށް ފެންނަން ފެށުމުގެ އެންމެ މުލުގައި އިސްވެ މަސައްކަތްކުރެއްވި އެއް ބޭފުޅަކީވެސް ހަމަ އުމަރު ޒާހިރެވެ.

ނިޝާންއިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރު. ފޮޓޯ: މުހައްމަދު ނާޝިދު
ސަރުކާރުގެ އެކި ފަންތީގެ އެކި މަގާމުތައް ފުރުއްވުމުގައި އެމަނިކުފާނު 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ދެމިހުންނެވިއެވެ. ހޯމް މިނިސްޓަރު، ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތަކާއި، އަތޮޅުތެރޭގެ ތަރައްގީގެ ގިނަ މަސައްކަތެއްގެވެސް މޭސްތިރިއަކީ ހަމަ އުމަރު ޒާހިރެވެ. އެފަދަ ދެވަނައެއް ނެތް އަދި ގައުމަށް އެންމެ ބޭނުންވާ ޒާތުގެ ވެރިޔެކެވެ. އަޅުގަނޑުމެން އެންމެންގެ ވެސް ދުއާއަކީ އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމެވެ.