ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު

ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ ތ. ތިމަރަފުށިން މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ހައްޔަރުކުރި އެރަށު ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް ހައި ކޯޓުން މޮނިކޮން އަމުރެއް ނެރެފިއެވެ.

'ޖަޒީރާ' އަށް ކަށަވަރުވެފައިވާ ގޮތުގައި ހައިކޯޓުން މުނީޒްގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވަނީ ރޭގައެވެ. މޮނިކޮން އަމުރު ނެރެފައިވަނީ ބަލި ހާލަތާއި ހެދި މިދިޔަ ބުދަ ދުވަހު މުނީޒް ބަންދުން ދޫވުމާއި ގުޅިގެންނެވެ. ބަންދުން ދޫވުމާއެކު އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވާއިރު، ދައުލަތުން ވަނީ މުނީޒްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލާފައެވެ.

މުނީޒްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާެއެވެ.

މުނީޒް ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ގިނަ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން މާލެއިން ބޭރަށް ނުދެވޭ ގޮތަށް އޭނާގެ މައްޗަށް ޝަރުތުކުރިއިރު، 18:00 އިން 6:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، 8:00 އިން 12:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ސޮއިކުރުން ހިމެނެއެވެ.

އަދި އޭގެ އިތުރުންވެސް އެ މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ލަފާކުރެވޭ އެއްވެސް މީހަކާ މުއާމަލާތް ނުކުރުމަށް ވެސް ޝަރުތުކޮށްފައިވާއިރު ސިއްހީ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ވެސް އޭނާގެ މައްޗަށް ވަނީ ޝަރުތުކޮށްފައިވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މުނީޒާއި އެކު ޖުމްލަ 8 މީހަކު ހައްޔަރު ކުރިއެވެ. އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެރަށުގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދިޔަ ވަގުތާއި ދިމާކޮށް ސްކޫލު ގޮއްވާލަން މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ.

އަދި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.

އޭގެ އިތުރުންވެސް ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް އެކި ކަހަލަ ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ވެސް ބާއްވަމުންދާ ކަމުގެ ތުހުމަތުވެސް އެމީހުންގެ މައްޗަށް ވަނީ ކޮށްފައެވެ.

އަދި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިއުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް ތުހުމަތުކުރެވެއެވެ.

މުނީޒްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *