އަރަބިއްޔާއަށް ގިނަ ހައްލުތަކެއް، ނަމަވެސް ވަގުތު ނަގާނެ!

އަރަބިއްޔާ ސްކޫލް -- ފޮޓޯ މިހާރު

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުންދާ އިމާރާތް އެޅީ މީގެ 8 އަހަރު ކުރިން އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. ނަމަވެސް މިހާރު އެ އިމާރާތް ވަނީ ދަރިވަރުންނަށް ނުރައްކާތެރިވާ މިންވަރަށް ހަލާކުވެފައެވެ. އަރަބިއްޔާ ސްކޫލުގެ މި މައްސަލައަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދާއިމީ ހައްލަކާއި ވަގުތީ ހައްލެއް ގެންނަން ވެސް ނިންމާފައެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި އެޑިއުކޭޝަނުން ނިންމީ، ވަގުތީގޮތުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް މިކަމާ އެ ސްކޫލުހެ ބެލެނިވެރިން ހިތްހަމައެއް ނުޖެހެއެވެ. ބެލެނިވެރިން ދެކޭ ގޮތުގައި އަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަކީ، އަރަބިއްޔާގައި ދެމުންދިޔަ އިސްލާމީ ތައުލީމުން ދަރިވަރުން މަހުރޫމު ކުރުވާނެ ކަމަކަށެވެ.

އަރަބިއްޔާގެ ބެލެނިވެރިން ވަނީ އެ ސްކޫލުގެ ދަރިވަރުން އިއްޒުއްދީނަށް ބަދަލު ކުރުމާ ދެކޮޅަށް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އިހުތިޖާޖުކޮށްފައެވެ. ހަމައެއާއެކު އެ ބެލެނިވެރިން ވަނީ އިސްލާމިކް މިނިސްޓަރާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކޮށްފައެވެ. ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި، އެމަނިކުފާނު ވަނީ އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ދެ ސްކޫލެއް އެއް ތަނަކަށް ޖަމާކޮށްގެން ކިޔަވައިދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން

މި ބައްދަލުވުމަށްފަހު އަރަބިއްޔާގެ ޕީޓީއޭ މެންބަރު ޔޫސުފް 'ޖަޒީރާ" އަށް ވިދާޅުވި ގޮތުގައި އިއްޒުއްދީނަށް ދަރިވަރުން ބަދަލުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަނުން ނިންމި ނަމަވެސް، އެއީ ކުރެވޭނެ ކަމެއް ކަމަށް ރައީސް ސޯލިހް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި، ގިނަ ޚިޔާލާއި މަޝްވަރާތަކަކަށްފަހު ވަނީ އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ގިނަ ހައްލުތަކެއް ހޯދާފައެވެ.

ބާ ޖަމާލުއްދީން ބިން

ކުރިން ޖަމާލުއްދީން ހިންގި ބިމުގައި އަރަބިއްޔާ ސްކޫލް އެޅުމަށް ނިންމީ ސަރުކާރުންނެވެ. އެގޮތުން އެ ނިންމުން ރައީސް ސޯލިހް ވަނީ މިއަދުގެ ބައްދަލުވުމުގައި ބެލެނިވެރިންނާ ހިއްސާ ކުރައްވާފައެވެ. ސަރުކާރުން ނިންމީ ބާ ޖަމާލުއްދީން ބިމުގައި މިހާރު ހުރި ހަލާކުވަމުންދާ އިމާރާތް ތަޅާލުމަށެވެ. އަދި އެ ބިމުގައި އަރަބިއްޔާ ސްކޫލަށް ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއް އަޅައިދިނުމަށް ވަނީ ނިންމާފައެވެ.

މިއީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައަށް ސަރުކާރުން ހުށަހަޅާ ދާއިމީ ހައްލެކެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުން ހުޅުމާލޭގައި ވެސް އަރަބިއްޔާއަށް އާ ސްކޫލެއް އިމާރާތް ކުރާނެއެވެ. މިއީ ދާއިމީ ހައްލެއްގެ ގޮތުގައި މިނިސްޓްރީން ހުށަހަޅާ ހައްލެކެވެ. އެގޮތުން މިނިސްޓްރީން ބުނެފައި ވަނީ، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލަކީ އަރަބިއްޔާއަށް ހުޅުމާލެއިން ކަނޑައަޅާ ސްކޫލުގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ. އެ ސްކޫލަކީ 65،000 އަކަފޫޓުގެ ބިމެއްގައި އަޅާ ސްކޫލެކެވެ.

މިހާރުގެ އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވެފައިވާއިރު، އެ އިމާރާތް ހުންނަ ބިން އަބަދުވެސް ހުންނާނީ އަރަބިއްޔާ ސްކޫލުގެ ގޮތުގައި ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ހުރި އިމާރާތް މަރާމާތު ކުރުމަށްފަހު އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ، އެޑިއުކޭޝަން މިނިސްޓްރީން މި މައްސަލައަށް ހުށަހެޅި ދާއިމީ ހައްލެކެވެ.

ދަރުމަވަންތަ ސްކޫލު

މިއަދު ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާގެ ބެލެނިވެރިން ހުށަހެޅި ވަގުތީ ހައްލަކީ ދަރުމަވަންތަ ސްކޫލުގައި މިހާރު އަޅަމުންދާ އާ އިމާރާތުގެ އެއްބައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ހަމަޖެއްސުމެވެ. އާ އިމާރާތުގެ އެއްބައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ހަމަޖެއްސުމަށް ބެލެނިވެރިން ހުށަހެޅީ އެ އިމާރާތް ހަދާ ނިމުމުންނެވެ.

ނަމަވެސް މިކަމުގައި އެންމެ ކަންބޮޑުވާ ކަމަކީ މި ހުރިހާ ހައްލަކީ ވެސް ވަގުތު ނަގާނެ ކަންކަމަށް ވީތީއެވެ. އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތް ހަލާކުވެ، ވެއްޓި، ނުވެއްޓޭ ހިސާބުގައި ހުރި އިރު ވެސް އެތަނަށް ދަރިވަރުން ގެންގޮސް ކިޔަވައިދޭ ގޮތަށް ސަރުކާރާއި ބެލެނިވެރިން އެއްބަސްވުމަކީ ކަންބޮޑުވާކަމެކެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %