ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ދައުވާ ސާބިތު ނުވުމުން، ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އެރަށު ވިންސެންޓް/ މުހައްމަދު އަހްމަދު (އެމްޑީ) މިނިވަން ވެއްޖެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުހައްމަދު ދޫކޮށްލީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިއްޔެ ހުކުމްކޮށް، ދޫކޮށްލުމާއެކު އޭނާ ވަނީ މިއަދު އޮފީހަށް ނިކުމެ ވަޑައިގެންފައެވެ.

މުހައްމަދު މިނިވަންކުރުމާއެކު، މި މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާފައި ނުވާކަމަށް "ޖަޒީރާ"އަށް މައުލޫމާތު ލިބެއެވެ.

ގައްދޫ ކައުންސިލް ރައީސްގެ މަގާމަށް މުހައްމަދު ހޮވިވަޑާއިގެންނެވިއިރު ވެސް ހުންނެވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ އުފުލައި، ޖަލުގައި ބަންދުކޮށްފައެވެ. އެ މައްސަލާގައި ޖަލުގައި ހުންނެވުމަށްފަހު އޭނާ ދޫކޮށްލަން ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ މިިދިޔަ މޭމަހު 3 ވަނަ ދުވަހު އަމުރުކޮށްފައެވެ.

ނަމަވެސް، ގައްދޫ ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހި، ޕީޖީ އޮފީހުން ވަނީ މޭ 6 ވަަނަ ދުވަހު އެ މައްސަލަ އެ އަމުރު ބާތިލުކޮށްދިނުމަށް ހައިކޯޓަށް ހުށަހަޅާފައެވެ. އަދި ހައި ކޯޓުން ވަނީ ގައްދޫ ކޯޓުގެ އަމުރު ބާތިލުކޮށް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން މުހައްމަދު ބަންދުގައި ބެހެއްޓުމަށް މޭ 23 ވަނަ ދުވަހު އަމުރު ނެރެފައެވެ.

މިފަހަރު ގައްދޫ ކޯޓުން ސާބިތުނުވާކަމަށް ނިންމި މައްސަލައިގެ ދެ ދައުވާގެ އިތުރުންވެސް ހަމަ އެފަދަ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އެއް ދައުވާކޮށްފައި އެބަ އޮތެވެ. އެއީ 2015 ވަނަ އަހަރު އުފުލި ދައުވާއެކެވެ. އެހެންނަމަވެސް އެ މައްސަލައިގައި އަދި އެންމެ ފަހުގެ މައުލޫމާތެއް ޕީޖީ އޮފީހަކުން ހާމައެއް ނުކުރެއެވެ.

އެ މައްސަލަ އެ އޮތް ގޮތަށް އޮއްވާ ދެން ފެނިގެންދިޔައީ މިދިޔަ އަހަރު އޭނާގެ މައްޗަށް ޖިންސީ މައްސަލަތަކެއްގައި ދައުވާ އުފުލި މަންޒަރެވެ. އެއީ ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. އޭނާ މިފަހަރު ދޫވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކޯޓުން ކަނޑައެޅުމާއިއެކުގައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *