ކުޑަކުދިންތަކެއް -- ފޮޓޯ: ޝަޓާސްޓޮކް

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލައަށް ނިމުމެއް އައިސްފައި ނުވާއިރު، މިދިޔަ ނޮވެމްބަރު މަހު ވެސް 84 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރުމަހު އެ މިނިސްޓްރީއަށް ހުށަހެޅީ 184 މައްސަލައެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައާއި އާއިލީ 26 މައްސަލައިގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 29 މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ ފަސް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ ހުށަހަޅާފައިވެއެވެ.

އާއިލީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހުނު 19 މައްސަލަ އާއި ކުދިން ބެލުމުގައި ޖެހުނު ހަތް މައްސަލައެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 13 މައްސަލައާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ އަށް މައްސަލައިގެ އިތުރުން ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައަކާއު ފާރަލުމުގެ މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ވެސް ޖެންޑާ މިނިސްޓްރީއަށް ވަނީ ފަސް ބާވަތެއްގެ އިތުރު 51 މައްސަލަ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަޚްލާގީ 17 މައްސަލަ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 13 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅި 11 މައްސަލައިގެ އިތުރުން ކުޑަކުދިން ހައގްުތަކުން މަހުރޫމު ކުރުމުގެ ފަސް މައްސަލައާއި ގާނޫނާ ގަވާއިދާ ޚިލާފުވުމުގެ ފަސް މައްސަލައެވެ.

އަޚްލާގީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސްކޫލަށް ދާން ބޭނުންނުވުމުގެ އަށް މައްސަލައާއި، ރުޅި އިސްކުރުން ނުވަތަ ރުޅި ގަދަވެގެން އުޅުމުގެ ހަތް މައްސަލައިގެ އިތުރުން ގެއިން ނުކުމެގެން ދިއުމުގެ ދެ މައްސަލައެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލައާއި އަމިއްލައަށް މަރުވާން ޚިޔާލު އައުމުގެ ދެ މައްސަލައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އަށް މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ތިން މައްސަލައެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސްކޫލަށް ނުފޮނުވުމުގެ ދެ މައްސަލައާއި ތައުލީމަށް ހުރަސްއެޅުމުގެ ދެ މައްސަލައިގެ އިތުރުން ސިއްހީ ފަރުވާއަށް ހުރަސް އެޅުން ނުވަތަ ސިއްހީ ފަރުވާ ނުދިނުމުގެ މައްސަލައެކެވެ. ހަމައެއާއެކު ގާނޫނާއި ގަވައިދާ ޚިލާފުވުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މާރާމާރީ ހިންގުމުގެ ހަތަރު މައްސަލައަކާއި އިތުރު އެހެން މައްސަލައެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ސަބަބުން ބައެއް ފަހަރު، ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައެވެ. އަދި ބަލާނެ ބަޔަކު ނެތް ކުދިން ބެލެހެއްޓުމުގެ ޒިންމާ ވެސް އުފުލަނީ ދައުލަތުންނެވެ. އެގޮތުގެ މަތިން ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދު 208 އަށް އަރައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *