މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވައުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ށ. ގޮއިދޫގައި ތަރައްގީ ކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިހެން ބުނީ، އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އާ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރިއެވެ.

އަދި ރައްޔިތުންނަށް ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައްކަމަށްވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތް ކުރުމަށް ބޭނުންވާކަމުގައި ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސް ސޯލިހް ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *