މިދިޔަ ތިން އަހަރު ތެރޭގައި އެމްޓީސީސީން މުޅި ރާއްޖޭގައި ރިކޯޑު އަދަދަކަށް މަޝްރޫތައް ފަށާ ނިންމާފައިވާ ކަމަށާއި، އެކަން ނުފެންނަ ފަރާތްތަކަށް ދައްކާލަން އެ މަޝްރޫތަކުގެ ފޯޓޯ ބުރިޖުމަތީގައި އަތުރާލަން ބޭނުންފުޅުވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ ކުންފުނީގެ މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑުތަކުން އަވަސްވެފައިވާ ކަމަށެވެ. އެގޮތުން 3 އަހަރުން ބަނދަރެއް ހަދަމުން އައިސް މިހާރު އެ ސްޕީޑް 1 އަހަރަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން 3 އަހަރުން އަޅާ އެއާޕޯޓް 18 މަހުން އަޅާ ކަމަށް ވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ މިދިޔަ ތިން އަހަރު ތެރޭގައި "ފަތު އަޑު ކިޔާފައި" ހިންގަމުން ދަނީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަޝްރޫތައް ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި މަގު ހިއްކުމާއި، ބަނދަރާއި ހޮސްޕިތަލް އަދި ދަތުރުފަތުރާއި ގުޅުން ހުރި ގިނަ މަޝްރޫތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާ ވިދާޅުވީ މަޝްރޫއެއް ނުހިނގާ އެންމެ އަތޮޅެއްވެސް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ.
އަޅުގަނޑު ހިތަށް އަރާ މި މަޝްރޫތަކުގެ މޮޑެލްތަކެއް މި ދިމާލުގަ އޮންނަ ބުރިޖެއްގެ މަތީގައި އަތުރާލާނަމޭ. އޭރަށް ކަންނޭނގެ މި މަންޒަރު ނުފެންނަ ލޯތަކަށް ވެސް މި މަންޒަރު ފެންނާނީ. ގަބޫލް ކުރެވޭނީ. މިހާ ގިނަ މަޝްރޫތައް މި ގައުމުގައި ހިނގަމުންދާކަން.
އާޒިމް ވިދާޅުވީ އެ ކުންފުނިން ހިންގަމުން އައި މަޝްރޫތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ތަރައްގީ ގަހަކަށް ފެންދިނުމުން ހެދި ބޮޑުވާހެން ރޯޝަން ވެފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ މިހާރު ވެސް އެ ކުންފުނިން އެއްފަހަރާ 94 މަޝްރޫއެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، 64 މަޝްރޫއެއްގައި އެއްވަގުތެއްގައި ހިންގަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ 2020 ވަނަ އަހަރު އެ ކުންފުންޏަށް ރިކޯޑު އަދަދަކަށް ފައިދާވި ކަމަށާއި، މިއަހަރުގެ މިހާތަނަށް ލިބުނު ފައިދާ އަދި އެއަށް ވުރެ ވެސް އިތުރު ކަމަށެވެ. އާޒިމް ވިދާޅުވީ އެ ހުރިހާ ކުރިއެރުމަކީ ވެސް ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމުން ލިބިފައިވާ ކުރިއެރުންތައް ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގައި މަސައްކަތްކޮށްދެއްވި ކުންފުނީގެ މުވައްޒަފުންނަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.