ރާއްޖެ އަށް ޗައިނާއިން ފަތުރުވެރިން ނާންނަނީ ކޮވިޑް-19ގެ ސަބަބުން ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ނެތުމުން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭޣެ ހާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ ދިވެހި ގައުމަކީ ވަކި ބަޔަކަށް ބަރޯސާވެ ވަކި ގައުމަކަށް ގޮސް ހުވެފައިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ގައުމަކާ ވެސް ރަނގަޅުގުޅުމެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ފަތުރުވެރިކަމުގެ އެންމެ ޕީކް މޫސުމުގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓު ހައުސްތައް ނުފުރޭ ކަމަށެވެ. އެހެން އެކަން ވަނީ އަދިވެސް ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އަންނަން ދޫނުކުރާތީ ކަމަށާއި، އެއީ ކޮންމެހެން ކޮވިޑް-19ގެ ސަބަބުން ނޫން ކަމަށް ވިދާޅުވިއެވެ. އެއީ ބޮޑު ގައުމެއް ކަމަށާއި، އެ ގައުމުގެ މީހުން ރާއްޖެ އައިސްފި ނަމަ ނުފުރި ހުރި ހުރިހާ ތަނެއް ވެސް ފުރޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް އެ ހުރިހާ ކަމަކާ ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު މި ދަންނަވަނީ ޗައިނާގެ ވާހަކަ. ޗައިނާއިން ފަތުރުވެރިން އައުން ދުނިޔެއަށް އެއްކޮށް އޮތީ ބަންދުކޮށްފަ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ ޗާއިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ، ޗައިނާއިން ރާއްޖެ އަށް ފަތުރުވެރިން އައުމުގެ ފުރުސަތު ދިނުން ވަރަށް ގާތޭ.
ނާޒިމް ވިދާޅުވީ ޗައިނާއިން ރާއްޖެ އަށް ދިން ހައުސިންގ ލޯނުތައް ވެސް ހުއްޓުނީ ހަމަ އެ ސަބަބައްޓަކާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ވާ ފައިދާތައް ފެންނަން އެބައޮތް ކަމަށެވެ.
އެގޮތުން ކޮވިޑް-19ގެ ހާލަތުގައި އިންޑިއާއިން ހެދި ޓްރެވަލް ބަބްލްގެ ފައިދާ ވެސް ރާއްޖެ އަށްވިކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދޭދޭ ގުޅުމުގެ ސަބަބުން ވާ ފައިދާ އަކީ އެއީ ކަމަށެވެ. އެކަމަކު އެ ގުޅުން ބަދަހިކުރަން ވާނީ ވަކި އެއް ގައުމަކާ ނޫން ކަމަށާއި، ހުރިހާ ގައުމަކާ އެކު ވެސް ހަމަ ހަމަ ގުޅުންތައް ބާއްވަން ޖެހޭނެ ކަމަށެވެ.