ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ 18 ވަނަ ދުވަހު 6،955 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލު ފަހުން، އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
މީގެ އިތުރުން ވެސް މި މަސް ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ އިތުރު ރިކޯޑެއް އާ ކޮށްފައެވެ. އެގޮތުން، 2019 ވަނަ އަހަރަށްވުރެ ގިނަ ބެޑް ނައިޓްސް ކާމިޔާބުކޮށް، ރާއްޖެއިން ވަނީ މިއަހަރު 11 މިލިއަން ބެޑް ނައިޓްސް ކާމިޔާބު ކުރުމަށް އަމާޒު ހިފާފައެވެ. 2019 ވަނަ އަހަރު ފަތުރުވެރިންގެ ބެޑްނައިޓްސް ހުރީ 10.7 މިލިއަނުގައެވެ. އެ ރިކޯޑޤ މުގުރާލީ މިމަހު 15 ވަނަ ދުވަހެވެ.
މީގެ އިތުރުން މިއަހަރު ރާއްޖެއިން ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ކާމިޔާބުކޮށްފައެވެ. މިއީ ރާއްޖެއިން އެ އެވޯޑް ޖެހިޖެހިގެން އެ އެވޯޑް ކާމިޔާބުކުރި ދެވަނަ އަހަރެވެ.
ރާއްޖެއަށް ފަތުރުވެރިން އައި މިންވަރަށް ބަލާލާއިރު، މިއަހަރު މިހާތަނަށް އައިސްފައި ވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ. ދުވާލެއްގެ މައްޗަަށް 3،531 އެއްހާ ފަތުރުވެރިން އަންނަމުންދާއިރު، އެމީހުން ރާއްޖޭގައި މަޑުކުރަނީ 8.7 ދުވަހަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މި މަހު ފުރަތަމަ 15 ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަކީ 74،498 އެވެ.
މިއަހަރަށް އަންދާޒާކޮށް ފާސްކުރި ބަޖެޓުގައި ހިމެނީ އަހަރު ނިމުމުގެ ކުރިން އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ހާލަތަށް ބަދަލު އަތުވެދާނެ ކަމަށް ލަފާކޮށްފައެވެ. އެހެންނަމަވެސް އެކި ގައުމުތަކުގައި ވެކްސިން ދޭން ފެށުމާއި އެކު އެ ޓާގެޓަށް ބަދަލު ގެނެސް، 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓަކަށް އަމާޒު ހިފިއެވެ. ނަމަވެސް، ދެކުނު އެޝިއާ ގައުމުތަކުން ރާއްޖެ އާދެވޭ ދޮރު ބަންދުކުރި ހިސާބުން މި ޓާގެޓު އަލުން މުރާޖާކުރަން ޖެހުނެވެ. މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ އަހަރު ނިމުމުގެ ކުރިން 1.3 ފަތުރުވެރިން އަންނާނެ ކަމަށެވެ.