ކޮވިޑް-19ގެ ބޫސްޓަރ ޑޯޒް ޖަހަން އާންމުކޮށް ހުޅުވާލާނީ ސިރިންޖުގެ ދަތިކަން ހައްލުވުމުން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، އިއްޔެ ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒް ލިބިފައިވީ ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ލިބިފައި ނުވާ ކަމަށެވެ. ވެކްސިން ޖެހުމުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ.

އެޗްއީއޯސީން ބުނީ، ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ލިބުން ލަސްވަނީ ދުނިޔޭގައި ވެސް އެ ސިރިންޖުގެ ދަތިކަމެއް އުޅޭތީ ކަމަށެވެ.

ސިރިންޖު ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށާއި، މިހާރު ކުރިއަށް ދާނީ ކުރިން ހުޅުވާލާފައިވާ ކެޓަގަރީތަކަށް ބޫސްޓަރ ޑޯޒް ޖެހުން ކަމަށް އެ ސެންޓަރުން ބުނެއެވެ. މިހާރު ކުރިއަށް ދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، ހައިރިސްކު މީހުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޫސްޓަރ ޑޯޒް ޖެހުމެވެ.

އިއްޔެ ރާއްޖެއަށް ލިބިފައި ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ދިން ލައްކަ ޑޯޒްގެ ފައިޒާ ވެކްސިނެވެ. މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ބޫސްޓަރ ދިނުމަށް ލިބޭ އެހީއެއްގެ ގޮތުގައި ޔުނިސެފް އިން ސިފަކޮށްފައި ވެއެވެ.

ކޮވިޑްގެ އައު ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިން ޖަހަން މި މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *