ފިލިޕީންސަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެއްޖެއެވެ.
ފިލިޕީންސްގެ ފުލުހުން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި ތޫފާނުގެ ސަބަބުން 204 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 52 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަން ހާމަކޮށް އެ އިދާރާއިން ބުނީ 239 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ތޫފާން ރާއީ އަކީ އެ ގައުމަށް މިއަހަރު އެރި 15 ވަނަ ތޫފާނެވެ.
މި ތޫފާނުގެ ސަބަބުން ކަރަންޓާއި މުވާސަލާތީ ހިދުމަތް މެދުކެނޑިފައިވާއިރު، ލިބުނު ގެއްލުންތަކުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގައި ދިރިއުޅޭ 332،000 އެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.
އެތައް ސަރަހައްދެއްގެ އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާއިރު، މި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުން 4.2 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.