އިދިކޮޅުން ހިންގަނީ ސިޔާސީ ޙަރަކާތެއް ނޫން! އެއުޅެނީ ބޭރު ދައުލަތަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްގެން.
މިދިޔަ 10 ޑިސެމްބަރުވީ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހް ވަނީ އިންޒާރެއް ދެއްވާފައެވެ. އެއީ މަސްދޯނި ފަހަރަށްވުރެ ރާއްޖޭގެ ކަނޑުތަކުގައި ޑްރަގް ބޯޓު ފަހަރު ގިނަވާން ދޫކޮށް ނުލައްވާނެ ވާހަކަ އެވެ. އަދި މިޖަރީމާތަކުގެ އަހުލުވެރިންނަށް ކެތްވާވަރުގެ ކަމެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތެދެކެވެ. ޑްރަގް ޝިޕްމެންޓެއް އެތެރެވާ އިރަށް ފުލުހުން އެބަ އަތުލައި ގަނެއެވެ. 200 ކިލޯ 300 ކިލޯ ބުނީމާ އެއީ ލައްކަ މިލިއަން ރުފިޔާއެވެ. ގަޓަރި ގަޓަރި އަށް ޕެލެޓް ޕެލެޓް ގައި އުފުއްލާހާ ޑޮލަރާ ދިވެހިރުފިޔާއެވެ. ރައީސް ވިދާޅުވިހެން މިވަރުގެ ބޮޑު ވިޔަފާރިއެއް ކުރާ ބަޔަކު އެކަން ހުއްޓުނަނުދީ ކުރިއަށް ގެންދަން ކިތަންމެ ބޮޑު އަދަދެއްގެ ފައިސާ ވެސް ބަޔަކަށްދީފާނެއެވެ. ކޮންމެ ފަދަ ކަމެއްވެސް ކުރުވަފާނެއެވެ. އިންޑިއާ އައުޓް އޭ ނުގޮވާންވީ ސަބަބެއް އެމީހުނަކަށް ނެތެވެ. އަދިވެސް ގޮވާލެއް މަދީއެވެ. އެހެންޏާ ބައިނަލްއަގްވާމީ މިފަދަ ޖަރީމާތައް މިސަރަހައްދުގައި ހިންގާ ބަޔަކަށް އިންޑިއާ ސިފައިންގެ ދުއްޕާން ލައްކަ ބޮޑުވާނެއެވެ. މިސަރަހައްދުގެ ކަނޑުގައި އެމީހުންގެ ހަނގުރާމަ މަތީ މަނަވަރުތަކެވެ. ވަށާ ޖައްވުގައި އެނބުރެނީ އެމީހުންގެ ޖެޓް ފައިޓަރު ތަކެވެ. ނުވިތާކަށް އެތަން މިތަނުގައި އެމީހުންގެ ރާޑަރުތަކެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރި ކަމަށް އެމީހުން ކުރާ މަސައްކަތުގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ސްރީލަންކާ އާއި ދިވެހިރާއްޖެ އަށެވެ. ސަބަބަކީ މިއީ ޖެހިޖެހިގެން އޮތް އަވަށްޓެރި 3 ގައުމެވެ. ސްރީލަންކާ އާއި ރާއްޖެ ކުޑަޔަސް އިންޑިއާ ބޮޑެވެ. ގާބިލްކަމާ ކުޅަދާނަކަން ހުރި ދުނިޔޭގެ އެއްބައްރެވެ. ނިއުކްލިއަރ ބާރެކެވެ.
އިންޑިއާ އައުޓޭ ކިޔައިގެން މިއުޅެނީ ބައެއްގެ ޑްރަގް ބޯޓުތައް އިން ނުވެގެންކަން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް އެނގިވަޑައިގަނެއެވެ. ތިޔަހެނެއް ނުގޮވޭނެއޭ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އެޕާރޓީގެ ޗެއަރޕާސަން ހަސަން ލަތީފަށް ވެސް އިންޑިއާ އައުޓްގެ އަޑީގައި އޮތީ ޑްރަގްބޯޓް އިންކަން ގަބޫލުކުރެއްވިއްޖެ ކަހަލައެވެ.
މަންޒަރު ބަދަލުވަނީ ކަހަލައެވެ. އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ބަސް ވިދާޅުވާން ފައްޓަވައިފިއެވެ. ސީދާ ހަރަކާތް ހިންގާ އެއްވުން އެއްވެ މުޒާހަރާ ކުރަން އެމްޑީޕީ އަށް ދައުވަތު ދިނުމަކީ ޕީޕީއެމަށް ބުއްދިވެރިގޮތަކަށް ނުވެދާނެއެވެ. އިންޑިއާ އައުޓް އޭ ކިޔައިގެން ޑްރަގް ބޯޓުތަކަށް މަގުފަހި ކުރަން އެކުވެރި އަވަށްޓެރި ނިއުކްލިއަރ ބާރަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ދިވެހިން އެއްބަސްވާނެ ކަމެއް ނޫނެވެ.
ފެންނަ ނުފެންނަ ވޯޓެއް ލައިގެން ވިޔަސް ވަގުން ޖަލަށްލުމަށްވުރެ މުހިންމު އިތުރު ވޯޓެއް ނެތެވެ.