ސިންގަޕޯރ އެއަރލައިނުން ރާއްޖެއާއި ސިންގްޕޫރާއި ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މިހާރު ސިންޕޫރާއި ރާއްޖެއާ ދެމެދު ދަތުރު ކުރަނީ ހަފްތާއަކު 7 ފްލައިޓެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 10 ފްލައިޓުގެ މަގުން ދަތުރުތައް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ، ސިންގަޕޫރުގެ ވެކްސިނޭޓެޑް ޓްރެވެލް ލޭނުގައި ރާއްޖެ ހިމެނުމުންނެވެ. މި ފްލައިޓްތަކަކީ ވެކްސިނޭޓެޑް ޓްރެވެލް ލޭންގެ ދަށުން ހާއްސަ ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.
ކޮވިޑް-19އިން ދިފާއުވުމުގެ ގޮތުން ސިންގަޕޫރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެތެރެވާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތެއް ހަމަކުރަން ޖެހެއެވެ. އެހެން ނަމަވެސް އެ ގައުމުން ގާއިމްކޮށްފައިވާ ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް) މެދުވެރިކޮށް ވަކި ފްލައިޓްތަކަކުން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ވީޓީއެލް މެދުވެރިކޮށް ދަތުރުކުރުމަށް ވަކި ފޯމެއް ހުށަހަޅަން ޖެހޭއިރު، ދަތުރުކުރެވެނީ ފުރުމުގެ ގިނަ ވެގެން ދެ ދުވަސް ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ އިތުރަށް އެޗްޕީއޭއިން ދޫކޮށްފައިވާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އަދި ސިންގަޕޫރަށް ދެވުމުން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ބަލަން ޖެހެއެވެ.