ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދާއި، އެ އުޅަނދެއް ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފިއެވެ.
މި ބާރު ކައުންސިލްތަކަށް ދީފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ދާދިފަހުން އަމަލު ކުރަންފެސި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވައިދުންނެވެ. މި ގަވައިދުގައިވާ ގޮތުން ކޮންމެ ރަށެއްގައި އަދި ސިޓީއެއްގައި އެކި ބާވަތުގެ އެއްގަމު
އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ އެންމެ ގިނަ އަދަދު، ވަކިވަކިން ބަޔާން ކުރަން ޖެހެއެވެ.
ހަމައެއާއެކު، އެ އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ވެސް ކައުންސިލްތަކުން ކަނޑައަޅަން ޖެހެއެވެ. މީހުން ދިރިނޫޅޭ ސިނާއީ ރަށްރަށުގައި ނަމަ، އުޅަންދު ރަޖިސްޓްރީ ކުރެވޭ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ބަޔާން ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.
މި އަދަދުތައް ކަނޑައެޅުމަށްފަހު، އާންމުކޮށް ފެންނާނެހެން ޝާއިއު ކުރުމަށް މި ގަވައިދުން ކައުންސިލްތަކަށް ލާޒިމުކުރެއެވެ. ކައުންސިލުން ކަނޑާއަޅާ އަދަދާ އެއްގޮތަށް އަމަލު ކުރަން ފަށާނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އަދަދާއި ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅާ، އާންމުކޮށް ޝާއިއު ކުރާތާ މަދުވެގެން 6 މަސް ފުރިހަމަވުމުންނެވެ.
އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު ބަލަން ޖެހޭ ކަންކަމުގެ ތެރޭގައި ރަށުގެ އާބާދީއާއި، މިހާރު ބޭނުންކުރަމުންދާ އުޅަނދުތަކުގެ އަދަދުގެ އިތުރުން އުޅަނދު ދުއްވާ މަގުތަކާއި، ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިން ހިމެނެއެވެ.
މިކަންކަމުގެ އިތުރުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި އެސެސްމަންޓްތައް ހެދުން ވެސް މި ގަވައިދުން ލާޒިމު ކުރެއެވެ. އެގޮތުންކަމާ ގުޅޭ މާހިރުންގެ ލަފައާއެކު 21 އެސެސްމަންޓެއް ހަދަން ޖެހެއެވެ. އެއީ:
- އާބާދީއާއި، އާބާދީ އިތުރުވަމުންދާ ނިސްބަތް
- ޒިޔާރަތްކުރާ އާބާދީއާއި، އާބާދީ އިތުރުވަމުންދާ ނިސްބަތް
- އުޅަނދު ދުއްވުމަށާއި، ޕާކު ކުރުމަށް ހާއްސްކޮށްފައިވާ މަގުތަކާއި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިން
- ހަފްތާގެ އެކި ދުވަސްތަކުގައްޔާއި، އެކި ދުވަސްތަކުގެ އެކި ގަޑިތަކުގައި އުޅަނދު ދުއްވާ އަދަދާއި ބޭނުންކުރާ މީހުންގެ އަދަދު
- އުޅަނދު ދުއްވާ އަދަދު އެންމެ ގިނަވާ ގަޑިތައް (ޕީކް އަވަރ)
- އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރު
- ހަފްތާގެ އެކި ދުވަސްތަކުގައްޔާއި، އެކި ދުވަސްތަކުގެ އެކި ގަޑިތަކުގައި ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު
- އުޅަނދު ދުއްވުމަށާއި، ޕާކު ކުރުމަށް ދުއްވާ މަގުތަކުގައި ޕާކުކުރާނެ ސަރަހައްދު އިތުރު ކުރެވެން އޮތް މިންވަރު
- އާންމުގޮތެއްގައި އެތެރެކުރާ އުޅަނދުގެ އަދަދާއި ބާވަތް
- އާންމުގޮތެއްގައި އެތެރެކުރާ އުޅަނދުގެ އުމުރު
- އުޅާނދު ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތު
- އާންމުގޮތެއްގައި އުޅަނދު ބޭނުން ކުރާ އެންމެ ދިގު މުއްދަތު
- އެތެރެކުރާ އުޅަނދުތަކުގެ އަދަދު
- އާބާދީގެ ނިސްބަތުން އަމިއްލަ އުޅަނދު ބޭނުންކުރާ ނިސްބަތާއި ބާވަތް
- އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރު ބޭނުންކުރާ ނިސްބަތް
- ވިޔަފާރީގެ ބޭނުންތަކުގައި ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް
- ރިސޯޓްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުގައި ދަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް
- ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް
- އުޅަނދުގެ ވިޔަފަރި ކުރާ ފަރާތްތަކާއި، ގަންނަން ބޭނުންވާ ފަރާތްތަކަށް އަންނާނެ ފައިނޭންޝަލް އިމްޕެކްޓް
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުން، ތިމާވެށްޓަށް ކުރާނެ އިމްޕެކްޓް، އަދި
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުން، އިގްތިސޯދަށް އަންނާނެ ފައިނޭންޝަލް އިމްޕެކްޓް މިއެވެ.
މި ނޫނަސް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވެދާނެ މުހިންމު ޑޭޓާއެއް ހޯދުމުގެ ބޭނުމުގައި އިތުރު އެސެސްމަންޓެއް ހެދުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެން ވެއެވެ.