ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ހިނގާ 2021 ވަނަ އަހަރު 400 އަށްވުރެ ގިނަ ހަރަކާތް ހިންގާފައިވާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.
ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް 24 މާކެޓެއްގައި 200 ހަރަކާތް ހިންގާފައިވެއެވެ. މީގެތެރޭގައި 109 މާކެޓިން ކެމްޕެއިން އާއި، 60 ފެއާއާއި ވާޗުއަލް ހަރަކާތުގެ އިތުރުން 10 ރޯޑް ޝޯ އަދި 30 ފެމިލަރައިޒޭޝަން ދަތުރު ހިމެނެއެވެ. އިންޓަރވިއުއާއި އެހެނިހެން ހަރަކާތްތައް ލައިގެން މުޅި އަހަރު ތެރޭ ވިޒިޓް މޯލްޑިވްސްއިން ވަނީ 400 ހަރަކާތެއް ހިންގާފައެވެ.
މިއާއެކު އެކި އެކި މާކެޓްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެމްއެމްޕީއާރުސީން ބުނީ އަންނަ އަހަރަށްވެސް ގިނަ ހަރަކަތްތަކެއް ރާވާފައިވާކަމަށެވެ.
ޓުއަރިޒަމް މިނިސްޓަީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1,232,151 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1،702،887 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 278،740 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އޮތް ރަޝިއާއިން 211،367 ފަތުރުވެރިން ޒިޔާރަަތްްކޮށްފައިވެއެވެ.
މި ލިސްޓުގައި ދެން ހިމެނެނީ ޖަރަމަނުވިލާތް، އިނގުރޭސިވިލާތް، އެރެމިކާ އަދި ސައުދީ އަރަބިއްޔާގެ އިތުރުން ސްޕެއިންއެވެ.