ރިޕޯޓްއެޑްވަޓޯރިއަލް

ރައްޔިތުންގެ ކުންފުނި އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބު ދިގު ދަތުރު

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެ، މިއަދު މިދެކޭ ޢުމްރާނީ ތަރައްޤީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ ޢާއްމު ޙިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ. މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ އަވަސް ހަލުވިމިނެއްގައި ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަޖައްސައިދިން ކުންފުންޏަކަށެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާއެވެ.  އަދި ޙިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ޙިއްސާކަމަށް ކަނޑައެޅުނެވެ.
އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ކަނޑާއިވަޔާއި، އެއްގަމުގައި ދަތުރުފަތުރުކުރުމާބެހޭ ކަންތައް ހިންގައި ކުރިއެރުވުން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުން، އިމާރާތްކުރުމާއި، އިންޖިނިއަރިންގ މަސައްކަތާއި، ބަނދަރުގެ ޚިދުމަތް ތަކާއި، މުދަލާއި ތަކެތިގެނެސް ގެންދިޔުމުގެ ޚިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުން، ޓުއަރިޒަމާއި އަދި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާރޓްމަންޓްތަކާއި ސެކްޝަންތަކުން ކުރަމުންގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. މިގޮތުން ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޜަނާއި އެމް.ޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަން ހިމެނެއެވެ. އޭރު މި މަސައްކަތްތައް ކުރެވުނީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ކުންފުނީގެ ދުވެލި ދިޔައީ އަހަރަކަށްވުރެ އަހަރެއް ހަލުވި ވަމުންނެވެ. މިގޮތުން، މިވޭތުވެދިޔަ 41 އަހަރު ދުވަހުގެތެރޭ އެމްޓީސީސީއަށް ހާސިލުކުރެވުނު ކާމިޔާބީ ތަކަކީ ފަޙުރުވެރިވުން ހައްޤު ކާމިޔާބީ ތަކެކެވެ.
އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއެވެ. ކުންފުނި އުފެދުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވިއެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާއެކު ފަޅުކޮނެ ބިންހިއްކުމުގެ ފުރަތަމަ މަޝްރޫޢު އެމްޓީސީސީން ނިންމާލިއެވެ.
މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ. 2017 ވަނަ އަހަރު ތަޢާރަފުވި މަހާޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިންގް ފްލީޓްގައި އައިއެޗްސީ 1800ގެ ކަޓަރ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓަރ ސަކްޝަން ޑްރެޖަރެއް ހިމެނެއެވެ. އަދި މިއަހަރުތެރޭ، 30 ޓަނުގެ 10 ކޮބެލްކޯ އެކްސްކަވޭޓަރާއި، 15 ޑަމްޕް ލޮރީއާއި، 6 ފުރޮޅުލީ 25 ޓަނުގެ ލޯޑަރުވަނީ އެމްޓީސީސީގެ ފްލީޓް ތެރެއަށް އިތުރުވެފައެވެ. އެމްޓީސީސީގެ މި ޑްރެޖިންގް ފްލީޓާއިއެކު ކުންފުންޏަށް ވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާއެކު ނިންމުމުގެ ޤާބިލުކަން ލިބިފައެވެ.
ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިންގ، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާރވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ.  އައު ޓެކްނޮލޮޖީ އާއި މެޝިނަރީގެ ޒަރީޢާޢިން ހައްލުހޯދުމުގައި ކުންފުނި ކުރިއަރާ ދިޔަވަރަކަށް އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫޢުތަކުގެ ބާވަތަށްވެސް ދިޔައީ ބަދަލުއަންނަމުންނެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާރޕޯޓް ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 70 އުމްރާނީ ތަރައްޤީގެ މަޝްރޫއުއެއްގައި އެއްވަގުތެއްގައި މަސަތްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އެއްވެސް ކުންފުންޏަކީ ރަނގަޅު މާލިމީއަކު ނެތި ކުރިއަށްދާނެ ކުންފުންޏެއް ނޫނެވެ. އެމްޓީސީސީގެ ދިގު ތާރީޚްގައި ކުންފުނީގެ މާލިމީކަން ވަނީ ވަރަށްގިނަ ޤާބިލް ބޭފުޅުން ފުރުއްވާފައެވެ. މިއަދު އެކުންފުނި އެދެކެމުންދާ ކާމިޔާބީގެ މާލިމީއަކީ އާދަމް އާޒިމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިހުގެ  އިރުޝާދާ ލަފާފުޅު އެމްޓީސީސީއަށް އަބަދުމެދަނީ ލިބެމުންނެވެ. މިގޮތުން، އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެމަތިން އެމްޓީސީސީން ވަނީ ކުންފުނީގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގިނަގުނަ ބަދަލުތަކެއް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ގެނެވި އެބަދަލުތަކުގެ ގެ ފޮނިމީރުކަން ބަހާއި އަމަލުންނާ މާލީ ހިސާބުތަކުން ދައްކުވާދީފައެވެ.
ދަތުރުފަތުރުގެ ޙިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ޙިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭންފެށި ޙިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ޙިދުމަތް ހިމެނެއެވެ. ސަރުކާރުގެ މެރިން ޑިވިޜަން 1981 ވަނައަހަރު ހަވާލުކުރެވުމާއެކު ލޯންޗުދަތުރުގެ ޙިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައިވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑުދަތުރުފަތުރުގެ ޙިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިގިއްޔާ ދެމެދު ފެރީގެ ޙިދުމަތް ތަޢާރަފު ކުރެވުނު ހިސާބުންނެވެ. މި ޙިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ތަނަވަސް ޓަރމިނަލްތައް މެދުވެރިކޮށް ޝެޑިއުލް  ފެރީގެ ޙިދުމަތްތައް ގްރޭޓަރ މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ދެމުންގެންދާ ކުންފުންޏެކެވެ. އެމްޓީސީސީގެ ފެރީ ޙިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ނުވަތަ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިއަހަރުތެރޭ އެމްޓީސީސީއާއި ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރުދަނީ ވަމުންނެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެއެވެ.
އެއްގަމުދަތުރުތަކަށް ބަލާއިރު، ހުޅުމާލޭގައާއި ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު މެޓްރޯ ބަހުގެ ޙިދުމަތާއި ޝަޓްލް ބަހުގެ ޙިދުމަތް އެމްޓީސީސީން ދިޔައީ ފޯރުކޮށްދެމުންނެވެ. އަދި މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައާއި އެދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔަރ" ގެ ނަމުގައި އެމްޓީސީސީން، ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލާފައެވެ. އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތަށް އިންޤީލާބީ ބަދަލެއް އައީ އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ދެމުންގެންދިޔަ ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް މިއަހަރުތެރޭ ބަދަލުކުރެވުނު ހިސާބުންނެވެ. މި ބަދަލާއެކު ކަނޑުދަތުރުފަތުރުގެ ޙިދުމަތުގެ ޒޯން 6 (އައްޑޫ، ފުވައްމުލަށް) އަދި އެއްގަމުދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ޙިދުމަތަކަށް ބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ޙިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދިޔައީއެވެ. މިއީ މިއަދުގެ ސަރުކާރުން އެމްޓީސީސީއަށް ކުރައްވާ އިތުބާރު ވަޒަންކުރެވިގެން ދިޔަ ތާރީޚީ ނިންމުމެކެވެ. އަދި ރަގަނޅު ފެންވަރެއްގެ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެނެމެހާކަންކަން ފަހި ކޮށްދިނުމަށް އެކުންފުނިން މިހާރުދަނީ ތައްޔާރުވަމުންނެވެ. އަދި މިބަދަލު ފެށޭ އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭ ފެންނާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އިންޤިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނިކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށިފައިވަނީ ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތް ރާއްޖެއަށް ތަޢާރަފުވީ 1974 ވަނަ އަހަރު ޔަންމާ އިންޖީނު ރާއްޖެއަށް ތަޢާރަފުވި ހިސާބުންނެވެ. އެމްޓީސީސީ އުފެދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރިއެވެ. އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތްތައް މިއާއެކު ފެށިގެންދިޔައެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއަ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީއިން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސިއެވެ.
ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ. އަދި 1994 ވަނަ އަހަރު ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ކަނޑައަޅާ، 2017 ވަނަ އަހަރު ސުޒުކީ އައުޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރެވުނެވެ. މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ.ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑްތަކަކީ، ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓްގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޑަކްޓްތަކަކާއި ބްރޭންޑްތަކެކެވެ. މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ އައުޓްބޯޑް އިންޖީން، ސުޒުކީ އިންބޯޑް އިންޖީން، ކާސްޓްރޯލް އަޑީ ތެޔޮ، އަދި ޕީޕީޖީ އެންޓިފޯލިން، ހިމެނެއެވެ. މީގެ އިތުރުން މެރޯލް ސްޓިއަރިންގް ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއެކު އެންމެ ފުރިހަމަ ކަސްޓަމަރ ސަރވިސް އާއި ހުނަރުވެރި އިންޖިނިއަރުންނާއި ޓެކްނީޝަނުން ބޭނުންކޮށް އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ފުޅާކޮށް އިތުރުކޮށްފައެވެ. މިގޮތުން ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ފަށައިގެން އިންޖިންނިއަރިންގ އާއި ޑޮކިންގ ގެ ޙިދުމަތް މިހާރު ވަނީ ޢާއްމު ފަރާތްތަކަށް ހުޅުވާލާފައެވެ. މާލެއަތޮޅު ތިލަފުށީގައި ޤާއިމުކޮށް ހިންގަމުންގެންދާ އެމްޓީސީސީ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދަށް ޙިދުމަތް ދިނުމުގެ ޖާގައޮތް ބޯޓުޔާޑެކެވެ. 2017 ވަނަ އަހަރު އައު ބޯޓު ހޮއިސްޓް އިފްތިތާޙުކޮށް މާކެޓަށް ޑޮކްޔާޑުގެ ޙިދުމަތް ހުޅުވާލެވުނެވެ. 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިންގް ޙިދުމަތާއެކު ތަފާތު ގިނަ ޙިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގ، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނު އަޑީގެ ވެލްޑިންގްއާއި ކަޓިންގެ ޚިދުމަތް 2018 ގައި ތަޢާރަފުކުރެވި ވޯޓަރ ބްލާސްޓިންގް އާއި ފޮރިކަހައިދިނުމުގެ ޚިދުމަތް  2019 ގައި ތަޢާރަފު ކުރެވުނެވެ. މުސްތަޤްބަލުގައި ރާއްޖޭގައި އިންޓަރނޭޝަނަލް ޑޮކްޔާރޑެއް ޤާއިމުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މި ޑޮކްޔާރޑް ޤާއިމުވުމުން ސަރުކާރު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިން އުޅަނދު އެހެލުމަށާއި މަރާމާތުގެ މަސައްކަތަށް ބޭރު ޤައުމުތަކަށް ދަތުރުކުރާކަށް ނުޖެހި ބޭރު ފައިސާ ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގެ އިޤްތިސާދުގައި ހިފެހެއްޓޭނެއެވެ.
އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. ވޭތުވެދިޔަ 41 އަހަރު ކުންފުންޏަށް ހާސިލުކުރެވުނު ކާމިޔާބީގެ އަސްލަކީ ކުންފުންޏާއި އެކި ދުވަސްވަރު ހަވާލުވެވަޑައިގެން ޤާބިލު ސީ.އީ.އޯ. އިންނާއި ކުންފުނީގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުއައްޒަފުންނަށް ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދަދީފައެވެ. އަދި ޤާބިލު ހުނަރުވެރި މުވައްޒަފުން އިތުރުކުރުމަށްޓަކައި އެމްޓީސީސީން ވަނީ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފަށާފައެވެ. ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.
މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބް އެމްޓީސީސީ އަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދާ ތަރައްޤީކުރުމަށް ޤާއިމްކުރެވިފައިވާ ވަޞީލަތެކެވެ.
ކުންފުނީގެ މުވައްޒަފުންގެ ޤާބިލުކަމާއި އިޙުލާސްތެރިކަމާއި ކުންފުޏަށް ހުންނަ ލޯބި އެންމެ ބޮޑަށް ވަޒަންކުރެވުނީ 2020 ވަނަ އަހަރުއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކުންފުނިން ހިންގަމުންދިޔަ އެއްވެސް މަޝްރޫޢެއް ހުއްޓުމަކަށްނައިސް ކުރިއަށްދިޔައީ ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. ރާއްޖޭގެ އިޤްތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް، ކުންފުނީގެ މަޤްސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ 2020 ވަނަ އަހަރުތެރޭ ކުންފުޏަށް ލިބުނު ކާމިޔާބީއިން ވަޒަންކުރެވުނެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯ ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ވަނަ އަހަރުތެރޭގައެވެ. އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަރޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަރޓިފައިކުރެވުނު ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީޚްގައި މިހާތަނަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީވެސް 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން 1.37 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 224.72 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. އަދި ހަމަ އެހެންމެ މިހިނގާ އަހަރުގެ ކުއާޓަރ 3 ނިމުނުއިރު، ކުންފުނީގެ މާލީ ނަތީޖާ ދައްކާގޮތުން، ޖުމުލަ 1.33 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 212.18 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ މިހާތަނަށް ލިބިފައެވެ. ވީމާ، 2021 ވަނަ އަހަރު ވެސް ވެގެންދާނީ އެމްޓީސީސީގެ ތާރީހުގައި ލިބޭ އެންމެ ބޮޑު އާމްދަނީ އަކާއި، ފައިދާއަކާއި އެކު، އައު ރިކޯޑެއް ހެދިގެންދާނެ އަހަރަކަށެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިޙްލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމާމެދަކު ޝައްކެތްނެތެވެ. ރައްޔިތުންގެ ކުންފުނި، ކަނޑުމަޑު ދުވަސްތަކުގައާއި ރާޅުޖަހާ ބަނަ ދުވަސްތަކުގައިވެސް އަމާން ބަނދަރަކަށް ގެންގޮސްދިނުމުގައި ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކޮށްދެއްވީ ހަމަ އެބޭފުޅުންނެވެ. ވުމާއެކު، އެމްޓީސީސީއަށް 41 އަހަރު ފުރޭ އުފާވެރި މުނާސަބާގައި ކުންފުނީގެ ހަޔާތުގައި ވޭތިވެދިޔަ އެކި ދުވަސްވަރު ކުންފުނީގެ ކައްޕީންނަށާއި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ހައްޤެވެ. ރައްޔިތުން އެދެނީ ރައްޔިތުންގެ ކުންފުންޏަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލެކެވެ.
1
3
1
0
2

1 ކޮމެންޓް

  1. ކޮބާތޯ ބޯނަަޝް

ކޮމެންޓް

Your email address will not be published. Required fields are marked *

0 %