ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލޭނެ ހަމަ އެކަނި މީހަކީ އޭނާ ކަމަށާއި، އެމީހުން ބާލާނީ ފައިބަން އަންގައިގެން ނުފައިބައިފި ނަމަ ގައިގަ އަތްލައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތާ އެތައް އަހަރެއް ވެގެން ދިޔަ އިރު ވެސް އެމީހުން ރާއްޖެއިން ބޭލުމަކީ އެއްވެސް ރައީސް އަކަށް މިހާތަނަށް ނުވި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެކަން ނުވެގެން އުޅެނީ އިންޑިއާ ސިފައިން ދައްކާ "ނާޗަރަންގީ" އަށް ވެރިން ހެއްލޭތީއެވެ. އަދި އެކަން ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި މީހަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ސިމްޕަލް އިނގޭތޯ އަޅުގަނޑު އެމީހުން ކައިރީގަ ބުނާނީ ފައިބާށޭ. ނުފައިބަންޏާ ގައިގަ އަތްލައިގެންނޭ ބާލާނީ. ތި ހެލިކޮޕްޓަރު އޮންނާނީ ރޫޅާލާފަ ފޮށި ފޮށިގަނޑަށް ލާފަ މިތާ އޮތް ބޯޓަކަށް ލާފަ. އެއްވެސް ކަމެއް ނޫން ތީކީ އަޅުގަނޑަށް

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އައުން ވެސް އަދި އިންޑިއާއާ ގާތުން ރާއްޖެ މަސައްކަތްކުރުމަކީ ވެސް އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ. މައްސަލަ އަކީ ދިވެހި ކަނޑުގެ ސަރަހައްދުގައި ވެސް އަދި އެއްގަމުގައި ވެސް އެމީހުންނަށް ފައިބާ އެތަނެއްގައި ދާއިމަށް ތިބުމުގެ މަގު ފަހިވާތީ ކަމަށެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ލީކުކޮށްލީ އުމަރު!

އުމަރު ވިދާޅުވިގޮތުގައި އުތުރުތުލަފަޅު (ޔޫޓީއެފް) އެއްބަސްވުން ލީކުކޮށްލީ އޭނާ އެވެ. އެކަމަކު އެ އެއްބަސްވުމަކީ ފޭކު އެއްބަސްވުމެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އެ އެއްބަސްވުމަކީ އިންޑިއާ އިން އެންމެ ފުރަތަމަ ހުށަހެޅި ގޮތަށް އޮތް އެއްޗެއް ކަމަށެވެ.

ފަހުން ހަދާފައިވާ އެއްބަސްވުމަކީ މި ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، އެއަށް އެކި އުނި އިތުރު ގެނެސްފައިވާއިރު އޭގައި އޮތީ ކޯއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެ އެއްބަސްވުމަކީ ގައުމަށް ވަރަށް ނުރައްކާ އެއްބަސްވުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަރާމާތުކުރުމުގެ ނަމުގައި އިންޑިއާގެ މަނަވަރުތަކާއި ބޯޓުތައް ނުތިބޭ އިރެއް ނުދާނެ ކަމަށެވެ. އެއިން ކޮންމެ އެއްޗަކީ ހަތިޔާރާއި އެކު އޮންނާނެ އެއްޗެހި ކަމަށާއި، އޭރުން އެމީހުން ބޭނުން އިރަކު ހަމަލާދިނުމުގެ ފުރުސަތު އެމީހުންނަށް ލިބޭނެ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން ގާއިމުކުރެވޭ ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކުގެ މަރާމާތުގެ ކަންކަން ކުރެވޭނެއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރުމުގެ މަޝްވަރާތައް ފެށީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 އަހަރެވެ. އެ މަޝްވަރާތަކަށްފަހު، "ޑިފެންސް އެކްޝަން ޕްލޭން" ގައި ސޮއިކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު، އެމަނިކުފާނު ވެސް ކައިރީގައި ހުންނަވައިގެންނެވެ. މި ޑޮކްޔާޑް ގާއިމުކުރެވެނީ މި އެކްޝަން ޕްލޭންގެ ދަށުންނެވެ.

0
1
0
0
2

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *