އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، އެ ސްކޫލްގެ ބެލެނެވެރިން އެކަމާ ދެކޮޅަށް އިހުތިޖާޖްކޮށްފިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ އެތަނުގައި ކުދިންނަށް ކިޔަވައިނުދެވޭ ހިސާބަށް ގޮސްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވަގުތީގޮތުން އެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް އެތަނުގައި ކިޔަވައިދޭން ނިންމާފައެވެ. އެކަމަކު އަރަބިއްޔާ ސްކޫލްގެ މެނޭޖްމަންޓާއި ސްކޫލްގެ ބެލެނެވެރިން ވެސް އެކަމާ ދެކޮޅެވެ.

އެހެންވެ އެ ސްކޫލްގެ ބެލެނެވެރިން މިއަދު ކުރި އިހުތިޖާޖުގައި އެމީހުން ތިބީ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ޓީޗާޓާއި ބޯޑު ހިފަހައްޓައިގެންނެވެ. "ސޭވް އަރަބިއްޔާ" ޖަހާފައިވާ ޓީޝާޓުތަކާއި، އެކި ޝުއޫރުތައް ހުރި ބޯޑުތައް ހިފަހައްޓައިގެން މިއަދު އެ ސްކޫލް ކުރިމަތީގައި ބެލެނެވެރިން ކުރި އިހުތިޖާޖުގައި އަޑުގަދަކޮށްފައެއް ނުވެއެވެ.

އަރަބިއްޔާ މައްސަލާގައި ބެލެނެވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ތަރިވަރުން އިއްޒުއްދީން ސްކޫލްއަށް ބަދަލުކުރުމަށް ދެކޮޅު ހަދާފައެވެ. އެ ބަޔާނުގައި ބުނީ އެ މިނިސްޓްރީން އަރަބިއްޔާ ސްކޫލާއި މެދު ތަކުރާރުކޮށް އިހުމާލުވަމުން އަންނަ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން ވެސް އެ ސްކޫލްގެ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ވެސް އެ ކުދިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށް މަޖިލީހުގައި، އެންމެހާ ރައްޔިތުންގެ ކުރިމަތީގައި މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމުމަކަށް ކިޔަމަންވެ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި އެ ނިންމުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ސްކޫލުގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މަސްހުނި ނުވާނެހެން މާލެއިން ކޮންމެވެސް ބިމެއްގައި އަރަބިއްޔާ ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
1
1

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. السلام عليكم ورحمة الله وبركاته.
    މި މަދްރަސާ އަކީ އެތަކެއް ދިވެހި ދަރިން ތަކެއް ކިޔަވައިގެން ، ދިރާސީ ދަޥްރު ތަކެއް ކަޑައްތުކުރުމަށް، ބިންގާ އަޅާ ދެއްވި، އިޚްލާޞްތެރި މުދައްރިސުންގެ ބުރަމަސައްކަތްތަކެއް ކޮށްދީ އަދި ކޮށްދެއްވަމުންދާ ހުނަރުވެރީންގެ ތަޢުލީމީ ވޮށެކެވެ. ރައްޔިތުންގެ ލޯތްބާއި ކުލުން ހޯދުމަށް ސަރުކާރުން މި ތަޢުލީމީ މަރުކަޒު ގެނބިގެން އޮޔާދިޔަ ނުދެއްވާށޭ. ޤައުމު ބިނާކޮށް ތަރައްޤީގެ މަގުގައި ފައި ހަމަ ކޮށް ކުރިޔަށް ގެންދިއުމުގައި ޢަރަބި ބަހަކީ ދީނީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ވަރަށް މުހިންމު ބަހެކެވެ. ކުޑާމީސްކޮށް ހަޖޫ ނުޖަހާ، އިޙްތިރާމް ކުރާށެވެ. މާތް ﷲ ޙައްޤު މަތި ތިބީންނަށް ނަޞްރާއި ކާމިޔާބު ދެއްވާށިއެވެ.
    آمين يارب العالمين

ކޮމެންޓް

Your email address will not be published. Required fields are marked *