އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕިންސްއަށް ނިސްބަތްވާ ނަރުސް މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަންހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެނގިފައިވާގޮތުގައި ހައްޔަރުކުރީ އެ އަންހެން މީހާގެ ފިރިމީހާގެ ލޯބިވެރިޔާ ކަމަށް ތުހުމަތުކުރާ ދިވެހި ނަރުސް މީހާއެވެ. ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މީގެ ކުރިން ހައްޔަރު ކުރީ އޭނާގެ ފިރިމީހާ މާވިންއެވެ. މާވިންއާއި، ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

އެ އަންހެން މީހާ ނޫހަކަށް ދީފައިވާ އިންޓިވައިއުއެއް މީގެ ކުރިން އެ ނޫހުން ޝާއިއުކުރި އިރު، އޭގެއިން އެނގޭ ގޮތުގައި މޭރީ މަރުވި ދުވަހު މޭރީ އާއި މާވިންގެ ދަރިފުޅު ވެސް ހުރީ އެ އަންހެން މިހާ ގާތުގައެވެ. އަދި އެ ދެމީހުންގެ އޮތް ގުޅުމާ ގުޅޭ ބައިވަރު ވާހަކަތައް ވެސް އާންމުކޮށްފައިވެއެވެ. އެކަމަކު އެ ނޫހުން ފަހުން ވަނީ އެ ލިޔުން ނަގާލާފައެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ، ނަރުސް މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝަކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

އެ މަރާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށެވެ. އަދި މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީީ އެއްޗަކުން ޖެހުމުން ލިބޭ އަނިޔާ އެވެ.

ޕޯސްޓްމޯޓެމްއަށް މޭރީގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށްފަހު، އަނބުރާ ރާއްޖެ ގެނެސް، އޭނާގެ ހަށިގަނޑު ވަނީ ފިލިޕީންސްއަށް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *