ފިލިޕީންސަށް އަރާފައިވާ ބާރުގަދަ ތޫފާން، ތޫފާން ރާއީގެ ސަބަބުން އެ ގައުމުގެ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެކަމުގެ ސަބަބުން، އެގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީން ގާތުން ބަލަމުންދާއިރު، ހުރިހާ ދަރިވަރުންގެވެސް ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ތޫފާނުގެ ސަބަބުން ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުންދާ ބައެއް ދިވެހި ދަރިވަރުންނާ ނުގުޅިގެން އާއިލާތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށް، އެކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ. އެގޮތުން ތޫފާނުގެ ސަބަބުން އެ ދަރުވަރުން ދިރިއުޅެމުންދާ ތަނަށް ގެއްލުންލިބި، ފެނާއި ކަރަންޓު ކެނޑުމުގެ އިތުރުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ބާރުގަދަ ތޫފާން ރާއީގެ ބާރު ގަދަވެ، ގަޑިއަކު 120 މޭލު ބާރު މިނުގައި ވައި ޖެހެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 168 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހެއެވެ. މި ތޫފާނުގެ ސަބަބުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މިހާތަނަށް މި ތޫފާނުގެ ސަބަބުން 3 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، މިއަދަދު އިތުރު ވާނެ ކަމަށް ބެލެވެއެވެ. މި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކަކުން މުވާސަލާތީ ޚިދުމަތްތައް ކެނޑިފައިވާތީ، އެ ސަރަހައްދުތަކުގެ ހާލަތު ދެނެގަންނަން ދަތި ކަމަށް މަނީލާގެ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *