ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުރު ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ވިސްނުމެއް އަލްމަރުހޫމް ހުސެއިން ވަހީދު ނުގެންގުޅުއްވާ ކަމަށާއި، އަވަހާރަވިއިރު ތައްޔާރުވަމުން ގެންދެވީ އެ ދާއިރާއަށް އެހެން ކެންޑިޑޭޓަކު ނެރުމަށް ކަމަށް ހުސެއިންގެ ގާތް އެކުވެރިޔާ އަދި، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ވިދާޅުވެއްޖެއެވެ.

"ޖަޒީރާ" އަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް ވިދާޅުވީ އިތުރު ދައުރަކަށް މަޖިލިސް މެމްބަރުކަން ކުރުމުގެ ވިސްނުމެއް، ނުވަތަ ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމުގެ ވިސްނުމެއް ހުސެއިން ނުގެންގުޅުއްވާ ކަމަށެވެ. އަދި އޭނާ ތައްޔާރުވެވަޑައިގެންނެވީ، އަންނަ ދައުރަށް އެހެން ކެންޑިޑޭޓަކު ނެރުމަށް ކަމަށް ވިދާޅުވިއެވެ.

ހުސެއިންގެ ބަދަލުގައި ދާއިރާގެ މެމްބަރު ކަން ކުރައްވަން އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި ގަބޫލުކުރައްވާ، ތައްޔާރުވެވަޑައިގެންނެވީ މިހާރު އެމްޑީޕީ ގައުމީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ރައީސް މުހައްމަދު ޖަލާލު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ހުސެއިން މި ދައުރު ނިމިގެން އެހެން ކެންޑިޑޭޓަކުވެސް ނެރެން ތައްޔާރު ކުރައްވާފަ ހުރީ. ދެން މި ފަހަރުގެ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި އޭނަ މިގުތު ހުރީ ހުސެއިންގެ ދާއިރާ ރައީސަކަށް ވެސް ހޮވިފަ. އެއީ އޭނަ ބޭނުންވެފަ ހުރި ކަމެއްގެ ގޮތުގައި، އެ މެސެޖަކީ ހާމަކޮށްދީފަ އޮތް މެސެޖެއް، ޖަލާއޭ ހުރީ، ތިމަންނަ ރިޓަޔަރ ކުރާނީއޭ.

ގާސިމް ވިދާޅުވީ ހުސެއިން އަކީ އަބަދުވެސް ދާއިރާގެ ރައްޔިތުންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށެވެ. ދާއިރާގެ ރައްޔިތަކު ކަމަކާއި ގުޅިގެން މަޝްވަރާކޮށްލަން ބޭނުންވި ނަމަވެސް، ވަގުތު ހުސްކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް ފޯނަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ދައުރުގައި، އަނެއްހެން ބުނާނަމަ މި ރިޔާސަތުގައި، މި ސަރުކާރުން ހުސެއިންގެ ދާއިރާއަށް ވަރަށް ގިނަ ކަންތައްތަކެއް ކުރޭ. އަނެއްކާ ދާއިރާގެ ކަންކަމުގައި ވަރަށް ގިނަ ވަގުތު އުޅުއްވާ. ދެން ދާއިރާގެ ބޭފުޅަކު ގުޅުއްވިޔަސް، ހުސެއިން ފޯނު ނަންގަވާނެ. ކޯލް މިސްވިޔަސް ހުސެއިން ކުރައްވާނެ.

ޙުސައިން އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޙުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ހުސައިން ވަނީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާހޯއްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *