މުޖުތަމައުގައި މުންކަރާތްތައް ހިނގަމުންދާނަމަ އެކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭކަމަށާއި، އެކަންކަން ނުހުއްޓުވައިފިނަމަ ކޯފާއެއް އައުމަކީ ގާތްކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މުޅި ރާއްޖޭގައި މިއަދު އިއްވި ޚުޠުބާގެ މައުޟޫއަކީ "ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ!" އެވެ.
ޚުޠުބާގައި ބުނެފައިވަނީ، ޤައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީވެސް ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ވެގެންވާ ކަމެއްކަމުގައެވެ.
ރަސޫލުﷲ ގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ."އެބައެއްގެ ތެރޭގައި ފާފަތައް ކުރަމުންދާގެންދާއިރު، އެބަޔަކަށް އެފަދަ ކަންތައްތައް ހުއްޓުވުމަށް ކުޅަދާނަވެފައި އެކަންތައްތައް ނުހުއްޓުވައިފިނަމަ، އެބައެއްގެ މައްޗަށް މާތްﷲ ޢާއްމުވެގެންވާ ކޯފާއެއް ފޮނުއްވުން ގާތެއެވެ."
ހަމައެފަދައިން އާހިރަތަށްވުރެ ދުނިޔޭގެ އެދިންވެރިކަން އިސްކޮށް، ދުންޔަވީ ކަންތައްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ވުރެ ކުރިއަރައި ދިޔުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނަ އަޅައި ދިޔުމަކީ ގައުމުތައް ހަލާކުވުމަށް ދިމާވާ ސަބަބެއްކަމުގައި ރަސޫލާ صلى الله عليه وسلم ގެ ހަދީޘްފުޅުތަކުން އެނގޭކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި ބުނެފައިވަނީ ﷲގެ މަތިން ހަނދުމަކުރުމުން އެއްކިބާވެ، ﷲގެ ކުޅަދުންވަންތަކަމާއި، އެކަލާންގެ މަހުލޫގުތަކާއި މެދު ނުވިސްނައި ހިތަށް އެރިގޮތަކަށް އުޅޭ މީހުންގެ މިސާލު މާތް ﷲ ޖައްސަވާފައިވަނީ ނައަމްސޫފި ފަދަ ތަކެތީގެ މިސާލުންކަމަށެވެ.
ގައިރު މުސްލިމުންގެ ޝިއާރުތައް ފާޅުކޮށް، އެބައިމީހުންގެ އީދުތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަވެގެންވާކަމެއް ނޫންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އެއީ އެބައިމީހުންގެ ކުފުރާއި، ޝިރުކުގެ ޝިއާރުތައް ފާޅުކޮށް، އެފަދަ އަމަލުތައް ހިންގުމަށް ވާގިވެރިވެ އެހީތެރިވުގެ ތެރެއިންވާކަމެއްކަމަށް ބުނެފައިވެއެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި ހެޔޮ ކަންތައް ކުޅައުމާއި، ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި އަދާވަތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ"
ޚުޠުބާގައި ބުނެފައިވަނީ މާތްﷲއަށް ބިރުވެތިވާންވީ ބަލާއި އަމަލުންކަމަށާއި، އެއްމެހައި ފާފަތަކާއި ދުރުވެ، ރައްކާތެރިވެވޭނީ އޭރުންކަމަށްކަމަށެވެ.
އުމުރުގެ ބާކީއޮތް ދުވަސްތަކަކީ ފައިދާ ކުރަނިވި، ސާލިހު އަމަލުތައް ކުރުމުގައި ދެމިތިބޭ ދުވަސްތަކެއްކަމުގައި ހެދުމުން މެނުވީ، އާހިރަތުގައި ފައިދާއެއް ނުކުރާނެކަން ޙުޠުބާފައި ވަނީ ހަނދާންކޮށްދީފައެވެ.