"ކުރީގެ ރައީސަކު މުޅި ގައިގަ "އިންޑިޔާ އައުޓް" ޖަހައިގެން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ހިއްސާކުރައްވާ މެމްބަރު ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސަކު މުޅި ގައިގާ "އިންޑިޔާ އައުޓް" ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމުގައެވެ.
ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށްކަން ފާހަގަކުރައްވާ މެމްބަރު ވަހީދު ވިދާޅުވީ، މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫންކަމަށާއި، މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައްކަމުގައެވެ. މިއީވެސް ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއްކަމުގައި ވިދާޅުވިއެވެ.
ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށް. މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން، މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައް. މިދަންނަވާލީ ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް.
— Waddey (@waddey_) December 17, 2021
މެމްބަރު ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތްތަކަށް ރައީސް ޔާމީން ކ. ގުރައިދުއަށް ވަޑައިގެންނެވީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ.
ގުރައިދުއަށް ވަޑައިގެން ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންޑިއާގެ ފައުޖުތައް ތިބެން ބޭނުންތޯ ސަޕޯޓަރުންނާ ސުވާލުކުރައްވާ، އިންޑިއާ 'އައުޓް' ކުރުމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންނާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގެ މަތިން އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ރާއްޖެއިން ދައުވަތު ނުދެނީސް ބޭރުގެ އަސްކަރިއްޔާ ސިފައިން ރާއްޖެއަށް އައިސް އެކި ހިސާބުގައި ތިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.