އިންޑިއާ އައުޓެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވެ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި، އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. ކަން މިހެން އޮތުމާއެކު އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު އިންޑިއާ އައުޓް ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އިދިކޮޅުގެ ލީޑާޝިޕުން ވަނީ ރަށްތަކަށް ދަތުރު ކުރަން ފަށާފައެވެ. އެގޮތުން، އިއްޔެ ވަނީ ކ. ގުރައިދުއަށް ވަޑައިގެން، އެރަށުގައި އިހުތިޖާޖެއް ބާއްވާފައެވެ.
ގުރައިދުއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ގާތް ރަހްމަތްތެރި ގުޅުމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންނާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގެ މަތިން އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ރާއްޖެއިން ދައުވަތު ނުދެނީސް ބޭރުގެ އަސްކަރިއްޔާ ސިފައިން ރާއްޖެއަށް އައިސް އެކި ހިސާބުގައި ތިބުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އިންޑިއާ އަޓުގެ ނަމުގައި އިދިކޮޅުން ރަށްރަށަށް ދަތުރުކޮށް ކުރިއަށް ގެންދާ ކެމްޕޭން މިއަދު ކުރިއަށް ގެންދާނީ ކ. ތުލުސްދޫގައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަމެއް ކަމަށް ބުނެ އެ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް އިދިކޮޅުން ގޮވަލަމުން ދާއިރު، ސަރުކާރުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އިންޑިއާ އައުޓް ގޮވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.