އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.
އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމުމާއެކު އެޗްޑީސީން ވަނީ، މި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުގެ ވަގުތީ އަމުރަކަށް އެދިފައެވެ.
މިގޮތަށް އެދިފައިވަނީ، މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެޗް.ޑީ.ސީއިންވެފައިވާ މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗް.ޑީ.ސީއިން ހިލާފުވެ، "ކްރޮސް-ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެޗް.ޑީ.ސީ އާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަށް އެއްފަހަރާ ޑިފޯލްޓްވުމުގެ އިހުތިމާލު އޮތުމުންކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މިއާއެކު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެތީ މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން ވަނީ އަންގާފަ އެވެ.
އެޗްޑީސީއާއި މާލޭ ސިޓީ ކައުންސިލްގެ ދެމެދުގައި މައްސަލަ ބޮޑުވީ ހުޅުމާލެ ފޭސް ދޭއްގައި އިދިކޮޅުގެ ޖަލްސާ ބާއްވަން އެޗްޑީސީން ހުއްދަ ނުދިނުމުންނެވެ.