ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި، ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެން މުޅި ގައުމު ވެސް އޮތީ ފުން ހިތާމައެއްގައެވެ. ހުސެއިން އާއި އެކު މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނާއި ގާތް ރަހުމަތްތެރިންވެސް އިއްތިފާގުވަނީ އޭނާ އަކީ އޯގާތެރި، ހިތްތިރި ބޭފުޅެއްގެ ގޮތުގައެވެ.
ހުސެއިންގެ އެންމެ ގާތް އެކުވެރިޔާ، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް (ގާބެ) ވެސް ވިދާޅުވީ ހަމަ މިހެންނެވެ. ގާސިމް އާއި ހުސެއިން އެންމެ ފުރަތަމަ ބައްދަލުވީ 1990 ގެ ކުރީ ކޮޅެވެ. އެއީ އޭނާ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އުމުރުގެ ގޮތުން ވެސް ގާތްގަނޑަކަށް އެއްވަރުގެ ދެމީހުންނަށް ވާތީވެސް ބޭރަށް ދިޔަސް އެކުގައި އުޅޭނީ ވެސް. ދެން ދެމީހުންގެ އާއިލާގެ ވާހަކައާއި ހުރިހާ ވާހަކައެއް ޝެއަރ ކުރަމުން ދާނީ. އެހިސާބުން ފެށިގެން ވަރަށް ގާތް ގުޅުމެއް ބަދަހި ވެގެން ދިޔައީ.
30 އަހަރަށް ވުރެ ގިނަ ދުވަސްވީ މި ރަހުމަތްތެރިކަމުގެ ވާހަކަތައް ގާސިމް ހަނދާން ކުރެއްވީ ހިނިތުން ވުމާއި އެކުއެވެ. ގާސިމް ވިދާޅުވީ އެ އަހަރުތަކުގައި އެ ރަހުމަތްތެރިކަމާއި ގާތްކަމަކަށް ދުވަހަކުވެސް ބަދަލެއް ނާންނަ ކަމަށެވެ.
ހުސެއިންއާއި ދެބޭފުޅުންގެ އެންމެ ދުރު ހަނދާނަކީ ކޮބާތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ "ކޮންމެ ދުވަހަކީވެސް ހުސެއިންގެ ގުޑް މެމޯރީޒް" މިހެންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި ހުސެއިން އަކީ ދެގޮތެއް ނުވާ ރަހުމަތްތެރިއެކެވެ. ކަމަކާއި މެދު ޚިޔާލެއް ހޯދަން ޖެހުނަސް، މަޝްވަރާ ކުރަން ޖެހުނަސް، އަބަދުވެސް ވަގުތު ތަނަވަސްކޮށްދޭ ގާތް އެކުވެރިއެކެވެ. އަބަދުވެސް ހާލު ބަލާ، އޯގާތެރި އެކުވެރިޔެއް ކަމަށެވެ.
ހުސެއިން އަވާހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ގާސިމް ވިދާޅުވީ ހުސެއިން އާލާސްކަންފުޅާ އުޅުއްވިއިރު، އޭނާގެ އެދުމަކީ އޭނާގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުން ކަމަށެވެ.
ހުސެއިން ބަލިވެއުޅުން އިރު، ހުސެއިންގެ ވަރަށް ބޮޑު އެދުމެއް އެއީ ހުސެއިންއަށް ހެޔޮ ދުއާ ކޮށްދިނުން. އެ ދާއިރާގެ ހުސެއިންގެ ދާއިރާގެ ރައްޓެހިން، ގާތް ތިމާގެ މީހުން، އެއްބަޑު އެއްބަފާ މީހުން.
ހުސެއިންގެ އެހެން އެކުވެރިންވެސް ބުނަނީ ހުސެއިން އަކީ ހިތް ހެޔޮ، ހިތްތިރި ބޭފުޅެއް ކަމަށެވެ. ވަކި ވެގެންދިޔަ އޯގާތެރި އެކުވެރިއެއް ކަމަށެވެ.
ކޮންމެ އިންސާނަކީ ވެސް މިދުނިޔޭގައި ވަގުތީ މީހެކެވެ. އޭނާ ދުނިޔޭގައި ނެތްދުވަހަކުން ދިރިތިބީން އޭނާ ދަރަޖަކުރާނީ އޭނާ ދުނިޔެ މަތީގައި އުޅުނު ގޮތުގެ މައްޗަށެވެ. މިކަން މަރުހޫމް ހުސެއިންގެ ނިޔާވުމުން އިންތިހާއަށް ފާހަގަވިއެވެ. މަރުހޫމް ހުސެއިން ދަންނަ ކޮންމެ މީހެއްގެ ތައުޒިޔާގެ މެސެޖުން އެއް ކަމެއް ފާހަގަކުރެވުނެވެ. އެއީ އޭނާގެ ހިތްތިރި ކަމާއި އޯގާތެރިކަމެވެ.