ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މަދަނީ އިޖުރާއަތުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލުގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތްތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރެއެވެ. އަދި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ހުކުމް ތަންފީޛުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް މި ބިލުގައި ބަޔާންކުރެއެވެ.

މި ބިލުގެ މަގްސަދަކީ ޝަރީއަތަށް ހުށަހަޅާ މަދަނީ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

މި ބިލުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. އެހެންނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *