ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކަށް ދަތިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން ފަރާތްތަކާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ.
ހަމައެއާއެކު އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ، އެންސްޕާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިކަމުގެ މަޝްވަރާތައް ކުރަމުން ދަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު ކަމަށް އެންސްޕާއިން ބުނެއެވެ.
ރައީސް ސޯލިހް ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިއާޔަތްކުރައްވާ، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.