ތަރައްގީއަށް ކުރަންހުރި ކަންކަން ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ކުރިއަށްގެންދޭނެ ކަމަށާއި އަދި އެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނީ އެ ދާއިރާއެއްގެ އަދި އެ ރަށެއްގެ ރައްޔިތުންގެ ލަފަޔާއި މަޝްވަރާއާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލުން ވަނީ އެ ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތައް ކުރިއަށްގެންދާތީ އާއި މުހިންމު މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނޭތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި އިނގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމާއި ބަނދަރާއި ބަނދަރަށް ވަދެނިކުމެވާ ނެރާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ކުނި މެނޭޖު ކުރުމުގައި ހުރި ދަތިތައް ފާހަގަ ކުރިއެވެ. ހަމައެއާއެކު ކައުންސިލު އިދާރާއާއި ސިއްހީ މަރުކަޒުގެ އިތުރުން ސްކޫލުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ވެސް ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

އިނގުރައިދޫ ކައުންސިލުން ރަށުގެ ގެދޮރުގެ ދަތިކަން އަދި އެ ސަރަހައްދުގައި އެއާރޕޯޓެއް އެޅުމާއި އެރަށަށް އައު މިސްކިތެއްގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އަދި މި ނޫންވެސް ރަށުގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އިނގުރައިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން އިނގުރައިދޫގައި މިހާރު ކުރިޔަށްދާ ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން އެރަށުގެ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބަނދަރާއި ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާނެކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *