ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފިއެވެ.
މިހާރުވެސް 6 މެންބަރުން ތިބި އެމްއޭސީއެލްގެ ބޯޑަށް ސިޔާދު ގާސިމް ހަމަޖައްސާފައި މިވަނީ ނޮން-އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައެވެ.
ސިޔާދުގެ އިތުރުން އެމްއޭސީއެކްގެ ބޯޑުގައި ތިއްބަވާނީ ޗެއަރމަން މުހައްމަދު އުމަރު މަނިކާއި، ޑރ. އިބްރާހީމް މަހްފޫޒާއި އިބްރާހީމް ނޫރައްދީންގެ އިތުރުން އައިޝަތު އަރުޝާ އަދި އަހުމަދު އައިމަން މޫސާ އެވެ.
އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ސިޔާދު އައްޔަން ކޮށްފައިވާއިރު އެމްއޭސީއެލްގެ ބޯޑުގައި މިހާރު ހުސްވެފައި އޮތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެވެ. އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ އެ މަގާމުން ވަކިކުރީ މިދިޔަ މަސް ތެރޭގައެވެ. އެންޑްރޫ މަގާމުން ވަކިކުރި ވަކި ސަބަބެއް އެމްއޭސީއެލް އިން ހާމަކޮށްފައެއް ނުވެއެވެ.