އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕިންސްއަށް ނިސްބަތްވާ ނަރުސް މީހާގެ މަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ނަރުސް މީހާގެ މަރުގެ މައްސަލާގައި މިއަދު 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މީގެ ކުރިން ހައްޔަރު ކުރީ އޭނާގެ ފިރިމީހާ މާވިންއެވެ. މާވިންއާއި، ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.
ދަންޖެހިގެން މަރުވީކަމަށް ބުނެ، ނަރުސް މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝަކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.
އެ މަރާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށެވެ. އަދި މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީީ އެއްޗަކުން ޖެހުމުން ލިބޭ އަނިޔާ އެވެ.
ޕޯސްޓްމޯޓެމްއަށް މޭރީގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށްފަހު، އަނބުރާ ރާއްޖެ ގެނެސް، އޭނާގެ ހަށިގަނޑު ވަނީ ފިލިޕީންސްއަށް ފޮނުވާފައެވެ.