މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް މ. ސަނީކޯސްޓް، މުހައްމަދު ޝަރީފް ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ކަމަށް ޝަރީފު އައްޔަންކޮށްފައިވާ ސެންކޯ ޝަރީފަކީ މީގެ ކުރިން ވެސް އެމްޕީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ސެންކޯ ޝަރީފު ވަނީ ރާއްޖޭގެ ކުރީގެ ޝިޕިން ލައިން، އެމްއެންއެސްއެލްގެ ޗެއާމަންގެ މަގާމާއި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
މިއާއެކު އެމްޕީއެލްގެ ބޯޑުގައި ތިއްބަވާނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއާއި ޗެއަރމަން މުހައްމަދު ޝަރީފުގެ އިތުރުން ބޯޑު މެންބަރުން ޖާދުﷲ ނާޒިމާއި އަހުމަދު ލައިޝަމް އަދި އިބްރާހިމް އާރިފެވެ.
މި މަގާމަށް ސެންކޯ ޝަރީފް ހަމަޖައްސަވާފައި ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން މަގާމު ހުސްކޮށް ބޭއްވުމަށްފަހުއެވެ. އެމްޕީއެލް ބޯޑުގެ ޗެއަރމަންކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ ކަމަށް ބުނާ 8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ.