އިއްޒުއްދީން ސްކޫލް -- ފޮޓޯ: މިހާރު

އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސުކޫލުގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލާ ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ސުކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެވޭ ތައުލީމާއި އެއްހަމައަކަށް މުހިންމު ކަމެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރި ކަމެއްނޫން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެޑިއުކޭޝަނުން ބުނީ އެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހައްލެއް ލިބެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެ މިނިސްޓްރީގެ މައްޗަށް ލާޒިމުކަމއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސުކޫލެއް ހިންގުމަށް އިރާތްކޮށްފައިހުރި ތަނެއްގައި ކަމަށާއި މިފަދަ އިމާރާތަކީ ކިޔަވައިދިނުމަށް ޚާއްސަކޮށް ފަރުމާ ކޮށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށްވާން ޖެހޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް ނިންމީ، މިކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރަށް އެ މިނިސްޓްރީން ވަނީ އަރައްބިޔާ ސްކޫލު މަރާމާތުކޮށް، އެ އިމާރާތާއި ހުޅުމާލޭގައި ގާއިމް ކުރާ ސްކޫލުގެ ތެރެއިން އެއް ސްކޫލް އިމާރާތް ވެސް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ނިންމާފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، އަރަބިއްޔާ ސުކޫލަކީ ދިވެހިރާއްޖޭގެ ތައުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު މުއައްސަސާ ކަމަށާއި އަރަބިއްޔާ ސުކޫލުގައި ފޯރުކޮށްދޭ ތައުލީމީ މަންހަޖާއި ދަރިވަރުން ހަދާ އިމްތިހާނުތަކަކީ ވެސް މިސްރުގެ އަލް އަޒުހަރު ޔުނިވަރސިޓީ ގަބޫލުކުރާ އިމްތިހާނެއް ކަމަށެވެ. އަދި އެ ސުކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް އަބަދުވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ހިންގާނެ ސުކޫލެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

2
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ސަރުކާރުން އެހާ ހިންގަން ބޭނުން ތަނެއްނޫން، ޢަރަބިން އަތުން ފައިސާ ހޯދަން ހިންގާތަނެއް !

ކޮމެންޓް

Your email address will not be published. Required fields are marked *