ރާއްޖެ ޓީވީ ހިންގަމުން ދިޔަ އިމާރާތަށް ހަމަލާދީ، 2013 ވަނަ އަހަރު ހުޅުޖެހި މައްސަލާގައި ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ކުށަ ސާބިތުވެ، އޭނާ ދެ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ޝަރީއަތުން ބެލިބެލުމުން މީއާދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް، ދައުލަތުން ހުށަހާޅާފައިވާ ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށެވެ. މި މައްސަލާގައި މީއާދުގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، އޭނާ މީގެ ކުރިން ޖަލުގައި ހޭދަކުރި 63 ދުވަސް އެ ހުކުމުން އުނިވާނެއެވެ.
2013، އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަތިހު 4:42 ހާއިރު، އޭރު ރާއްޖެޓީވީ ހިންގި ހ. ކުއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިން) ގައި އަލިފާން ރޯކޮށްލީ، މީއާދު ހިމެނޭހެން 6 މީހެކެވެ.
މި މައްސަލާގައި ކަން ހިންގާފައިވާ ގޮތަސް ބަލާއިރު، އިތުރު ބަޔަކާ ގުޅިގެން މީއާދު، ރާއްޖެޓީވީގައި ރޯކޮށްލީ މޫނުގައި މާސްކް އަޅައިގެންނެވެ. މާސްކު އަޅައިގެން އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ސިއްރު ހެކިންގެ ހެކިބަހުން އެނގެއެވެ. މި އަމަދު ހިންގާފައި ވަނީ ދަށް ދަގަނޑެއް ބޭނުންކޮށްގެން ރާއްޖެޓީވީ އިމާރާތުގެ ދަގަނޑުގޭޓުގެ ތަޅު ހަލާކު ކޮށްލައި، އެއަށްފަހު ލަކުޑި ގޭޓު ފުނޑާލައިގެން އެތެރެއަށް ވަނދެއެވެ.
ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށް އަންދާލުމަށްފަހު އެކަންކުރި މީހުން އެތަނުން ނިކުމެގެން ދިޔައިރު އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރި މި ދަތްދަގަނޑު އޮތީ ސްޓޫޑިއޯ ތެރޭގައެވެ.
ސްޓޫޑިއޯގައި ރޯކޮށްލުމަށްފަހު، މީއާދު ވަނީ އެތަނުގެ ސެކިއުރިޓީ ގާޑަށް ވެސް ހަމަލާދީފައެވެ. އަދި މީއާދުގެ މެޑިކަލް ރިކޯޑްތަކަށް ބެލިއިރު، އޭނާ ޑޮކްޓަރަށް ދައްކާފައިވާ ބޭސް ސިޓީތަކުން އޭނާގެ ގައިގެ އެކި ތަންތަން ފިހިފައިވާކަން އެނގެން ހުރެއެވެ.
މި މައްސަލާގައި ދިފާއަށް ހެކި ދިން މީހުން ބުނެފައި ވަނީ ހާދިސާ ހިނގި ދުވަހު މާލެއިން ބޭރަށް ދަތުރު ދިޔަ ކަމަށެވެ، ނަމަވެސް އެ ހެކިންގެ ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، ދަތުރު ދިޔަ ރަށުގެ ނަން ވެސް އެމީހުން ހަނދާން ނެތްކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލައިގައި މީއާދުގެ އިތުރުން 5 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފުލުހުން ފޮނުވި ނަމަވެސް، ދައުލަތުން ދައުވާ އުފުލީ ހަމައެކަނި މީއާދުގެ މައްޗަށެވެ. އޭނާގެ ޝަރީއަތް ނުނިމި، އެތައް އަހަރެއް ވެގެން ދިޔުމަށްފަހު، މިއަދު ވަނީ މައްސަލައިގެ ހުކުމް އިއްވާފައެވެ.