އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ ކުރިން އެ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާއަށް ފަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާއި ގުޅިގެން ބަހުސްކުރައްވާފައެވެ.

އެކި ފަހަރުމަތިން އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީގެ ކަންބޮޑުވުންތަކާއި ގުޅިގެން ސުވާލު ކުރެވިފައިވާކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ އޭސީސީއަށް ޖަވާބުދާރީވުމަށް މިހާރު ފުރުސަތު ދީގެން އެ މަސައްކަތް އިތުރަށް ދިގުލައިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، މަޖިލީހުގެ ގަވާއިދުގައި އޭސީސީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެން ބަޔާންކޮށްފައިވާތީ، އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އަނެއްބައި މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ރީތި ގޮތަކީ ވެސް، ހަމަޖެހޭ ގޮތަކީ އެ މެމްބަރުންނަށް އެ ފުރުސަތު ދިނުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު

މަޖިލީހުގެ ގަވާއިދުގެ ދަށުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށްފަހު، ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ. މަގާމަކުން ވަކި ކުރުމުގެ ކުރިން އެ މީހަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ކޮމިޓީން ދޭން ޖެހެއެވެ.

މިކަމަށް ބަހުސް ކުރެއްވުމަށްފަހު މެމްބަރުންނަށް ފެނިވަޑައިގަތީ އޭސީސީގައި ތިއްބެވި ކޮންމެ މެމްބަރަކަށް ފަސް ލިޔުމުން ނަމަވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވުމަށެވެ. ކޮމިޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ އޭސީސީގެ މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ގަބޫލުނުކުރެވުނު ނަމަވެސް، އެ ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކި މެމްބަރުންގެ ހުށަހެޅުއްވުންތަކުގެ ތެރެއިން ފާސްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ ހުށަހެޅުމެވެ.

އޭސީސީގައި ތިއްބެވި މެމްބަރުންނަށް އަޅުގަނޑުމެންގެ ކޮމިޓީން މިހާރު މި ބަލަމުންދާ މައްސަލައާއި ގުޅިގެން އެބޭފުޅުންނަށް ގަވާއިދުގައި ބުނާ ފަސް ދުވަހުގެ ތެރޭގައި، ލިޔުމުން އަޅުގަނޑުމެންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް. އަޅުގަނޑު މިހެން މި ފާހަގަކުރަނީ އެބޭފުޅުންގެ ޗުއްޓީ ދުވަސްވަރުހެން. އެކި މެމްބަރުން އެކި ތަންތަނުގައި، އެބޭފުޅުން ތިއްބެވީ. އެހެންވީމާ އެބޭފުޅުންނަށް ކޮމިޓީގެ މި މައްސަލައާއި ގުޅިގެން ކޮންމެ ތަނެއްގައި ކޮންމެ މެމްބަރަކު ހުންނެވި ކަމުގައި ވިޔަސް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް

ވިސާމް ވިދާޅުވީ އެ މެމްބަރުން ފަސް ދުވަހުގެ ޖަވާބުދާރީ ނުވި ނަމަވެސް، މި މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި ލިޔުމުން ނަމަވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. ވިސާމްގެ މި ހުށަހެޅުއްވުން ފާސްވީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި ފަސް މެމްބަރުންގެ ވޯޓާއި އެކުއެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ އެ ކޮމިޝަންގެ ޕަރފޯމެންސް އޮޑިޓެއް ހެދުމަށްފަހު، އެ ރިޕޯޓުގެ ހޯދުންތަކާއި، ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ބިނާކޮށެވެ.

މި ސަރުކާރުން އޭސީސީއަށް ފަސް ބޭފުޅަކު އައްޔަނުކުރިއެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ. އަޝްރަފާއި ޝަކީލް ވަނީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *