ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސިއްޚީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ސޮލަރެލް އިންޝުއަރަންސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
ޕްރިސްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއަރމަންގެ ހައިޞިއްޔަތުން ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ. އަދި ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ކޮމްޕްލަޔަންސް މަރިޔަމް ސައިމާއެވެ.
މި އެއްބަސްވުމުގެ ދަށުން ސޮލަރެލްގެ މެޑިކަލް ސްކީމް މެދުވެރިކޮށް އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން އަދި ޢާއިލާތަކަށް ވަކި ހޮސްޕިޓަލް އަދި ކްލިނިކްތަކަކުން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމުގައި ވަކި އަދަދެއް ހަމަވަންދެން 90 އިންސައްތަ ކަވަރޭޖް ލިބޭނެއެވެ. އެގޮތުން ޢާއިލާގެ ތެރޭގައި ހިމެނެނީ އަނބިން، ފިރިމީހާ، 18 އަހަރު ނުފުރޭ ދަރިން އަދި މަންމަ އާއި ބައްޕައެވެ.
މި މެޑިކަލް ސްކީމްގެ ސަބަބުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ސިއްޚީ ޚިދުމަތް ހޯދުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކަރެކްޝަންސްއިން ބުނެއެވެ.