19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ، ޙުސައިން ވަޙީދު  ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމޭން ކަމުގެ ސުކޫތެއް ނަގައިފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުސެއިންގެ ހަނދާނުގައި އެވަގުތު ޖަލްސާގައި ތިއްބެވި މެމްބަރުން ހިމޭންކަމުގެ ސުކޫތުގައި ބައިވެރިވެވަޑައިގަތުމަށް ކޮޅަށް ތެދުވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި މަޖިލީހުން ތައުޒިޔާގެ ދަފްތަރެއް ވެސް ހުޅުވިއެވެ. މި ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ރައްޔިތުންގެ ރައީސް ނަޝީދުވެސް ވަނީ ސޮއިކުރައްވާފައެވެ.

ޙުސައިން ވަޙީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސްލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން އެބޭފުޅާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޙުސައިން ވަޙީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޙުސައިން ވަނީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާހޯއްދަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *