މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ -- ފޮޓޯ: ވަން އޮންލައިން

އަލަށް ޗާޕްކުރާ ބައެއް ފޮތްތަކުގައި ގުރުއާނުގެ އާޔަތްތައް ނުލިޔަން މަޝްވަރާކުރީ  ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތެއް ހެދުމުގެ ބޭނުމުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ކަމަށްބުނާ ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މި ސިޓީގައި ބުނެފައިވަނީ، ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރާއިރު ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކޮށް، އާޔަތް ލިޔުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔެ ޚަތިމަށް ރިފަރެންސް ދޭގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކުރުމަށް އެ މިނިސްޓްރީއަށް ފޮނުވާއިރު އެގޮތަށް ބަދަލުކޮށް ފޮނުވުމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ބެލެނިވެރިނާއި ގިނަ އަދަދެއްގެ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރިކަމަށެވެ. މިގޮތަށް މަޝްވަރާކުރީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މިފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް އަންގާފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ފަހުންވާނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލްވެސް ކޮށްފައެވެ. އަޅުގަނޑުމެން ނިންމާފައިވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެމްއައިއީ އަށް ވާނީ އަންގާފައެވެ.

މި ޚަބަރާ ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި މިނިސްޓްރީން ވަނީ، މާފަށް އެދިފައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *