ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ޝުކޫރުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ނެވެ. އެއީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅިގެން އެ ކޮމިޝަންގައި ފާހަގަވި ކަންތައްތަކުގެ ސަބަބުންނެވެ.

ޖޭއެސްސީން ބުނީ މި މައްސަލަ ދިރާސާކުރިއިރު ފާހަގަވީ އެކަމަކީ ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ. އެހެންވެ ޖޭއެސްސީން ވަނީ މި މައްސަލަ އޭސީސީއަށް ހުށަހަޅާފައެވެ.

މިކަން އެ ކޮމިޝަނަށް ފާހަގަކުރެވުނީ އޭނާ އެ މަގާމުން އިސްތިއުފާދެއްވިފަހުންނެވެ. ޝުކޫރު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާގެ މައްޗަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތުވެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުންނެވެ.

އެގޮތުން އޭނާ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހުންނެވިއިރު، އޭނާ އާއި ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާ ކަން ޖޭއެސްސީގެ ތަހުގީގުން ސާބިތުވިއެވެ.

އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާ އެކު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާ ކަން ހާމަކޮށް ވާހަކަދައްކައި ވޯޓު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދުނުކަން ވެސް ސާބިތުވިއެވެ.

މީގެއިތުރުން  2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާއި ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އަމަލުކުރި މައްސަލަވެސް ވެސް ޝުކޫރުގެ މައްޗަށް ސާބިތުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *